ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ކިޔުމަށް ދަރިވަރުން ގިނަވަގުތު އަވީގައި ކޮޅަށް ބޭތިއްބުމަކީ ތަރުހީބުދޭ ކަމެއްނޫން ކަމަށާއި އެކަން ވާނީ މީގެ ދެއަހަރު ކުރިން އަންގާފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައި ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ރަށްރަށުގެ ސްކޫލް ދަރިވަރުން ބައިވެރި ކުރާތީ އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދާ ދުވަސްވަރެއްގައެވެ. އެގޮތުން މިއަދު މިނިސްޓަރު އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ކިޔުމަށް ގިނަވަގުތު އަވީގައި ކޮޅަށް ބޭތިއްބުމާ ގުޅޭ ގޮތުން އެގޮތަށް ކަން ނުކުރުމަށް މީގެ 2 އަހަރު ކުރިން ސްކޫލްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި މިއަދާ ހަމައަށް އައި އިރުވެސް އެގޮތަށް އަމަލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށްތިބުމާއި އަވީގައި ބޭތިއްބުމަކީ އަޅުގަނޑުމެން ތަރުހީބުދޭ ކަމެއްނޫން. އެ މަގަށް ކަންނުކުރުމަށް 2 އަހަރު ކުރިންވަނީ ސްކޫލްތަކަށް އެންގިފައި. އަދި އަމަލުކުރަމުން ދަނީވެ ސް އެގޮތަށް."
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

މަރުޙަބާ ކިޔުމުގައި ސްކޫލުގެ ދަރިވަރުން ބައިވެރި ކުރުމުގައި އަމަލުކުރަންވީ ގޮތް އަންގާ އެޑިއުކޭޝަން މިނިސްޓްރީން ސާކިއުލާ އެއް ނެރެފައި ވަނީ ޑިސެމްބަރު 3، 2018 ގައެވެ. އެ ސާކިއުލާަގއި ވަނީ ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ކިޔުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ. ހަމައެއާއެކު އެ ކަމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމެއް ކަމަށާއި އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އެ ސާކިއުލާގައި އަންގާފައި ވެއެވެ.

ކަން މިހެން އޮތް ނަމަވެސް މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ހއ. ހޯރަފުއްޓަށް ވަޑައިގެންފައެވެ. މި ރަސްމީ ދަތުރު ފުޅަކީ އެ ރަށުގައި އެއާޕޯޓު ހުޅުވުމަށް ބޭއްވި ހާއްސަ ހަފްލާއަށް ކުރެއްވި ދަތުރު ފުޅެކެވެ. މި އިވެންޓަށް ރައީސް ސޯލިހް އެރަށަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ކުޑަކުދިންނާއި ބެކލެނިވެރިން އަދި އެ ރަށުގެ ގިނަ ރައްޔަިތުން ވަނީ ރައީސަށް މަރުހަބާ ކިޔާފައެވެ.

ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެރަށުގެ ކުދި ބޮޑު އެންމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

މިފަދަ އިވެންޓެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައި ވާތީ އެކަމާވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

މި ވާހަކަތައް ހޫނުކޮށް ދެކެވެމުން އަންނަނިކޮށް އިއްޔެ ވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވި ހަބަރު ތިލަވެފައެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައި ޕޮޒިޓިވްވި މުވައްޒަފާއި ކޮންޓެކްޓްވީ މީހުން އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި އެ ޕޮޒިޓިވްި މުވައްޒަފަކީ ރައީސްގެ އިވެންޓގައި ބައިވެރިވި ފަރާތެއް ނޫން ކަަމަށެވެ.

ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ކިޔުމަށް ބޭތިއްބުމަކީ ތަރުހީބުދޭ ކަމެއްނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވާއިރު މިއަދު ރައިސް ސޯލިހްވެސް ވަނީ މި ހާލަތުގައި ރަށްރަށުގައި ވެރިންނަށް ގެންދާ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރި ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.