ކޮވިޑް-19 ގެ މިހާލަތުގައި ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކާއި އެ ގޮތަށް ދައުލަތުގެ އިސް ފާރާތްތަކުން ރަށްރަށަށް ދާ ހަރަކާތްތަކުގައި އެ ރަށްރަށުގެ ސްކޫލް ދަރިވަރުން ބައިވެރި ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިފަދައިން އިލްތިމާސްކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ދެންނެވުމަށް ރަށްރަށުގެ ސްކޫލް ދަރިވަރުން ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ.
އެގޮތުން އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް ދަރިވަރުން ބައިވެރި ކުރުމަށް ރައީސް އޮފީހުން ވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް އެއްވެސް ރަށެއްގެ ސްކޫލަކަށް އަދި އެއްވެސް ކައުންސިލަކަށް ވެސް އަންގައިފައެއް ނުވާނެ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
ދާދި ފަހުން ރައީސް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ސްކޫލް ދަރިވަރުން ބައިވެރިކޮށްފައިވާތީ އެކަމަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި މި ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް ދާދި ފަހުން ވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރާ މުަވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމުގެ މައުލޫމާތު ލިބިފައެވެ.
ރައިސް އޮފީހުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން ހޫދު ވިދާޅުވެފައި ވަނީ އެ ކޭސް އާ ގުޅިގެން ކޮންޓެޓް ޓްރޭސިންގެ މަސައްކަތް ނިމި ޕޮޒިޓިވް ވި މުވައްޒަފާއި ކޮންޓެކްޓު ވި އެހެން މުވައްޒަފުން ކަރަންޓީނުގައި މިހާރު ތިބި ކަމަށެވެ. އަދި ޕޮޒިޓިވްވި މުވައްޒަފު، ރައީސް ސޯލިހުގެ އެއްވެސް ދަތުރުފުޅެއްގައި ބައިވެރިވެފައި ނުވާ ަކަމށް ވެސް ހޫދު ވަނީ ވިދާލުވެފައެވެ.
ރައީސް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގިނަ ސްކޫލް ދަރިވަރުންތަކެއް ބައިވެރިވެފައި ވަނި ހޯރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ހަރަކާތުގައެވެ. މި ހަރަކާތް ކުރިއަށް ގެންގިސްފައި ވަނީ މިދޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުންވެސް ރައީސް ސޯލިހް ވަނީ ޅ. އަތޮޅު މާފިލާފުއްތަށާއި ފެލިވަރަށް މި ދިޔަ މަހުގެ 26 ވަނަ ދުވަހު ވަޑައިގެންފައެވެ.