ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު މިއަދު އިފްތިތާހްކޮށްފިއެވެ.

ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވީ އެ ތަމްރީނު ޕްރޮގްރާމްގެ ޒަރީއާއިން ކަމަށް ގާބިލް ކަމަށް އެކަށީގެންވާ އިމާމުން އުފެދިގެންދާނެ ކަމަށެވެ.

މިއަދުގެ އެ ރަސްމިއްޔާތު އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ޕްރޮގްރާމެއް ހަމަޖައްސައި ދިނަމަކީ ވަރަށް އުފާވާކަމެއް ކަމަށާއި އެ ތަމްރީނު ޕްރޮގްރާމްގެ އެހީގައި އިމާމުންނަށް ވަރަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.

ރިސޯޓުތަކަށް އިމާމުވެ ނަމާދުކުރުމަށް ދާ ފަރާތްތަކަށް ނުދެވިއްޖެ ހާލަތެއްގައި ރިސޯޓުތަކުގައި ނަމާދުކުރަންވެސް ތިބެނީ ކުޅަދާނަ މޮޅު އިމާމުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

5 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ އެ ތަމްރީނު ޕްރޮގްރާމަކީ ޓޫރިޒަމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ކޯހުގައި 85 ރިސޯޓަކުން 169 މީހަކު ބައިވެރި ވެއެވެ.