އަންނަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލާމު އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހް ލާމު އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި ލ. ގަމުން ތިން މަޝްރޫއެއް ފައްޓަވައި ދެއްވާނެއެވެ. އެއީ، ގަމުގެ ތިން އަވަށެއްގައި ކަރަންޓު އެއް ވިއުގައަކުން ގުޅާ ދެއްވުމަށާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ސީޓީ ސްކޭން ހިދުމަތް ފައްޓަވައި ދެއްވުމާއި ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވައި ދެއްވުމެވެ.

މި ތިން މަޝްރޫއު ފައްޓަވައި ދެއްވުމުގެ މަޝްރޫއު ބާއްވަން ހަމަޖެހިފައި ވަނީ ގަމު މަތިމަރަދޫ ބޮޑުމަގު ހުޅަނގުކޮޅުގައި ހުންނަ ސްޓޭޑިއަމްގައެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން ކަރަންޓީނަކާ ނުލާ މާލެއިން ރަށްރަށަށް ދަތުރުފަތުރު ކުރުން އެޗްޕީއޭއިން މަނާކޮށްފައި ވަނިކޮށް ރައީސް ސޯލިހް އަތޮޅުުތެރޭގެ މީހުން ދިރިއުޅޭ ރަށަކަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ ހއ ހޯރަފުށީގެ އެއާޕޯޓް ހުޅުވައި ދެއްވުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅެވެ.

ބުރާސްފަތި ދުވަހު ރައީސް ސޯލިހް ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގެ މައުލޫމާތު ރަސްމީ ސިފައެއްގައި ހާމައެއް ނުކުރެއެވެ. ރައީސް އޮފީހުން މި ދަތުރުފުޅުގެ މައުލޫމާތު ހާމަކޮށްފައި ނެތަސް، ރައީސް ސޯލިހް ވަޑައިގަންނަވާތީ އެކަމުގެ ތައްޔާރީތައް ލ ގަމު ކައުންސިލުން ކުރަމުން އެބަ ދެއެވެ. އެގޮތުން ރައީސް ސޯލިހްގެ އިސްތިގުބާލަށް ސްކޫލު ދަރިވަރުން ނެރުމުގެ މަސައްކަތް ވެސް އެ ކައުންސިލުން ދަނީ ކުރަމުންނެވެ.

މިކަމުގެ ސަބަބުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމްގެ ފާޑުކިއުން ވަނީ ރައީސް ސޯލިހަށް އަމާޒުވެފައެވެ. ޝިޔާމް ވިދަޅުވީ ރާއްޖޭގައި ކޮވިޑު އެންމެ ގަދައަށް އޮތީ މާލޭ ސިޓީގައި ކަމަށާއި ރައީސް ސޯލިހު މާލެ އިން ގަމަށް ވަޑައިގަންނަވާތީ އިސްތިގުބާލުގައި ނިކުންނަން ސްކޫލު ދަރިވަރުނަނަށް މަޖުބޫރު ކުރުވަނީ ކަމަށެވެ. އަދި ކޮވިޑް ފެތުރެނީ އިދިކޮޅު މީހުންނާއި ރިސޯޓް މުވައްޒަފުން ދަތުރު ކުރުމުންތޯ އާއި ރައީސް ސޯލިހް ވަޑައިގެންނެވުމުން ކޮވިޑް ނުފެތުރެނީތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ސޯލިހް ހޯރަފުއްޓަށް ވަޑައިގެންނެވި އިރުވެސް އެމަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުން ވަނީ އެއާޕޯޓަށް ހާޒިރުވެފައެވެ. މިކަމާ އެމަނިކުފާނަށް ފާޑުކިއުން އަމާޒުވާ އެއް ސަބަބަކީ އެމްޑީޕީ ސަރުކާރު އިދިކޮޅުގައި އޮތް ދުވަސްވަރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރެއްވި ދަތުރުފުޅުތަކުގައި އިސްތިގުބާލުގައި ނިކުތުމަށް ސްކޫލު ދަރިވަރުން ނިކުތުން މަޖުބޫރު ކުރުވަނީ ކަމަށް ބުނެ އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާތީއެވެ.