އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަވަހަށް ލުއި ލިބިވަޑައިގެން މިނިވަން ވުމަށް ދުއާ ދަންނަވާ ކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި 2021އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކޮށް މަޖިލީހުގެ ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ދެއްކެވި ވާހަކައަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން ނަޝީދު ވިދާޅުވީ، އެދިވަޑައިގަންނަވަނީ ރައީސް ޔާމީނަށް ލުޔެއް ލިބި މިނިވަންވުމަށް ކަމަށެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރިތާ 1 އަހަރު ފުރިފައި ވާއިރު، ވޭތުވެދިޔަ އަހަރު ތެރޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި ޖަލަށް ލި މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާ، މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވާއިރު، ދެން އޮތީ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމެވެ.

އަޅުގަނޑުވެސް ދުއާކުރަނީ ވީހާވެސް އަވަހަކަށް ރައީސް ޔާމީނަށް ލުޔެއްލިބި މިނިވަންވުން
ނަޝީދު

ރައީސް ޔާމީން ޖަލަށް ލިތާ އެއް އަހަރު ފުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އާއި ކަނޑުމަތީގައި މުޒާހަރާއެއްވެސް ކޮށްފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި މުދާ އުފުލާ 3 ދޯންޏެއްގައި މީހުންނާއެކު މާފުށީ ބޭރަށް ގޮސް ވަނީ އަޑުއުފުލާފައެވެ. އެ ސަރަހައްދުގައި މުޒާހަރާ ކޮށްފައި ވާއިރު ރައީސް ޔާމީން މިވަގުތު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.

އެ މުޒާހަރާގައި އިދިކޮޅު ލީޑް ކުރައްވާ ހުރިހާ ބޭފުޅުންހެން ބައިވެރިވެ ވަޑައިގަތެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ދެ ޖިންސުގެ އެކި އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ.