ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސޯދު ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވޯލްޑް ބޭންކުގެ އެހީތެރިކަން ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް ޖަވާސް އަދި އެ ޖަމްއިއްޔާގެ ކަންޓްރީ މެނޭޖާ ޗިޔޯ ކަންޑާއާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޯވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސޯ ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވޯލްޑް ބޭންކުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެއަށް ވެދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން މިހާރަށްވުރެ ފުޅާކުރައްވާ އެކި ދާއިރާތަކުން ރާއްޖޭގެ ކުރިއެރުމަށް އެހީތެރި ވެދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ވަފުދުން ވަނީ ރާއްޖޭގެ އިގްތިސޯދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިގްތިސޯދު ހަރުދަނާކޮށް، ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި، ސަރުކާރުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތުން އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ބާރުވެރި ކުރުވުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބީއަށް އެދޭކަމުގައި އެވަފުދުން ފާހަގަކުރެއްވިއެވެ.
ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް ޖަވާސް އަދި އެ ޖަމްއިއްޔާގެ ކަންޓްރީ މެނޭޖާ ޗިޔޯ ކަންޑާ މަގާމުގެ ހައިސިއްޔަތުން ރާއްޖެއަށް އަލަށް ކުރައްވާ މި ދަތުރުގައި ރައީސް ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރިފައި ވާތީ މަރުހަބާ ދަންނަވާފައެވެ. ވޯލްޑް ބޭންކުގެ ވަފުދުން ވަނީ މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އަންހެނުން ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ކުރުމާއި، ޑިމޮކްރަސީއާއި، އިޖްތިމާޢީ އަދި ސިޔާސީ ހައްގުތައް ހޯދަދިނުމުގެ ރޮނގުން ހޯދާފައިވާ ކުރިއެރުން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ސޯލިހްގެ ވާހަކަފުޅުގައި، ވޯލްޑް ބޭންކުން ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއެކު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައި ވެއެވެ. އެގޮތުން، އެ ޖަމްއިއްޔާގެ އެހީގައި އެ މުއްދަތުގައި ރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށް، 32 މަޝްރޫއެއް ހިންގާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިހާރު ވެސް ވޯލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރުކުރުމާއި، ތައުލީމީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމާއި، މީހުން ބިނާކުރުމަށް ދެއްވާފައިވާ ހާއްސަ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ، ކޮވިޑް-19ގެ މި ހާލަތުގައި އެންމެ ފުރަތަމަ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވޯލްޑް ބޭންކް ހިމެނޭކަން ފާހަގަ ކުރައްވާފައެވެ. އަދި ސިއްހީ ދާއިރާ ހަރުދަނާ ކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫއުތައް ހިންގުމުގައި ވެދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސް ސޯލިހް ވަނީ ވޯލްޑް ބޭންކަށް ޝުކުރު ދަންނަވާފައެވެ.