މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބު އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ،

މީޑިއާ ކައުންސިލްގެ ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އިންތިހާބު ކޮށްފައިވާ މީޑިއާ ކައުންސިލްގެ 3 ވަނަ ދައުރު، އަންނަ މަހުގެ 11 އަށް ހަމަވާތީ، އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ 5 ވާ ހޮނިހިރު ދުވަހު ހެނދުނު 11:00 އިން ރޭގަނޑު 22:10 އަށް އޮންނާނީ ބާ ޖަމާލުއްދީން ސްކޫލްގައެވެ.

މިފަހަރުގެ އިންތިހާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ކުރިމަތިލާފައި ވާއިރު މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައި ވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ.

އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ.