އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގެ ފަރާތުން ކުރިއަށް ގެންދިޔަ "އޮންލައިން ޓީޗިން އެންޑް ކޮލާބޮރޭޓިބް ޓޫލްސް" ކޯހެއްގައި ރާއްޖޭގެ 30 ލެކްޗަރާއިން ތަމްރީނު ކޮށްފިއެވެ.

މި ކޯހުގައި ރާއްޖެއިން 14 ކިޔަވައިދޭ މަރުކަޒުތަކުން 30 ލެކްޗަރާއިން ވަނީ ބައިވެރިވެފައެވެ. މިމަހު 16 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވާއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި، މިނިސްޓަރު އިބްރާހިމް ހަސަން ވަނީ އިންޑިއާ ސަރުކާރަށާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރަށް އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް ޓީޗާސް ޓްރެއިނިންގް އެންޑް ރިސާޗް (ޗެންނާއި)އަށް މިފަދަ ކޯސްތައް ހިންގުމުގައި ވެދެއްވާ އެހީތެރި ކަމަށް ޝުކުރު ދަންނަވާފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން / ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އައިޓެކްއިން ހިންގާ ޕްރޮގްރާމްތަކަކީ ރާއްޖޭގެ އިގްތިސޯދަށް އަދި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ މީހުންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއް ކަމަށެވެ. އަދި މިއީ ކޮވިޑް-19ގެ ބަލިމަޑު ކަމާއެކު މަތީ ތައުލީމު ފޯރުކޮށް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައި ގަތުމަށާއި ދަރިވަރުންނަށް ތައުލީމު ފޯރުކޮށް ދިނުމުގައި އޮންލައިންކޮށް ކިޔަވައި ދިނުމުގައި ޓީޗަރުންގެ ހުނަރު އިތުރުކުރުމަށް ވަރަށް ބޭނުންތެރި ކޯހެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު ސުދިރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން މަތީ ތައުލީމުގެ ދާއިރާ ކުރިއެވުމަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ދިވެހިންގެ ހުނަރު އިތުރު ކުރަމަށް އިންޑިއާ ސަރުކާރާއެކު ކުރައްވަމުން ގެންދަވާ މަސައްކަތް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމައެއާއެކު ކޮވިޑް-19 އާއެކު އައި ބަދަލުތަކާއެކު އޮންލައިންކޮށް ކިޔަވައި ދިނުން ބަދަލުވެގެން ދާނީ "ނިއު ނޯމަލް"އަށް ކަމަށް އޭނާ ވިދާވިއެވެ. އިންޑިއާ ސަފީރު ވިދާޅުވީ ޓީޗަރުން މިބަދަލަށް އަހުލުވެރި ކުރުވުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމުން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޓީޗަރުން ތަމްރީންވެގެން ދާ ކަމީ ލިބޭ އުފަލެއް ކަމަށެވެ.