އޭފްއެފްސީ ކަޕްގައި މިދިޔަ 10 އަހަރުގެ ތެރޭގައި ޖެހި އެންމެ މޮޅު ގޯލު ހޯދުމަށް ބާއްވަމުން އަންނަ އޭފްސީ ކަޕް ބްރެކެޓް ޗެލެންޖްގެ ފައިނަލްގައި ރާއްޖޭގެ ފުޓުބޯޅަ ތަރި އަލީ އަޝްފާގަށް ވޯޓު ހޯދައިދިނުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޮން ރޮސްލާ ވެސް ހާއްސަ ވީޑިއޯއެއް އާންމުކޮށްފިއެވެ.

ޓުވިޓާ މެދުވެރިކޮށް ރޮސްލާ އާންމު ކުރި ވީޑިއޯގައި ވިދާޅުވީ، މި ޗެލެންޖާ ބެހޭ މަޢުލޫމާތު ލިބިވަޑައިގަތީ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުން ކަމަށާ މި ޗެލެންޖާގައި އަޝްފާގުގެ ފަރާތުުން ބައިވެރިކޮށްފައިވާ ލަނޑަކީ ގިނަ ގޮތްގޮތުން ވެސް މޮޅު ލަނޑެއް ކަމަށެވެ.

އިނގިރޭސި ހައިކޮމިޝަނަރު ވިދާޅުވީ، އެލަނޑުން ފެނުނީ ކާމިޔާބީއަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ މުހިއްމު ކަން ކަމަށާ ކޮންމެ ހުރަހެއް ކުރިމަތިވި ނަމަވެސް މަސައްކަތާއެކު ކާމިޔާބީ ލިބޭނެ ކަން ކަމަށެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނޭ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގައި އޭނާ ކުޅުނު އިރު އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. މި ގޯލަކީ އެޓީމުގެ ޑިފެންސް ލައިނާ ކީޕަރު 'ލަނދުގަންނަވާލާ'، އަޝްފާގު ނިއުއަށް ޖަހާ ދިން ހިތް ގައިމު ސޯލޯ ގޯލެކެވެ.

މީގެ އިތުރަށް، ރޮސްލާ ވިދާޅުވީ ރާއްޖެއަކީ ގިނަ ކަންކަމުގައި މުޖްތަމަޢުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ގައުމެއް ނަމަވެސް މި ޗެލެންޖުން އަޝްފާގު މޮޅުކޮށް ދިނުމަށް މުޅި ދިވެހި ގައުމު އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާތަން ފެނުމަކީ އުފާވެރިކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމާ ގުޅޭ އެހެން މުހިންމު ކަންކަމުގައި ވެސް މިފަދަ އެއްބައިވަންތަކަން ދައްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އިނގިރޭސި ހައިކޮމިޝަނަރު ވިދާޅުވިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލް ބުރުގެ ވޯޓުލުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އިރު މި ޗެލެންޖްގައި އަޝްފާގު ވާދަކުރަނީ ޗައިނާގެ ސައުތް ޗައިނާ އޭއޭގެ ކުޅުންތެރިޔާ ޗަން ސުއި ކީއާ ދެކޮޅަށެވެ. މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ވޯޓުލުން ކުރިއަށްދާ އިރު މިވަގުތު ކުރީގައި އޮތީ ވެސް އަޝްފާގެވެ. މިގޮތުން ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑަށް ވޯޓުގެ 88.5 ޕަސަންޓް ލިބިފައިވާ އިރު ޗައިނާގެ ކުޅުންތެރިޔާއަށް ލިބިފައިވަނީ 11.5 ޕަސަންޓެވެ.

ާއޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލްގައި މިވަގުތު ކުރީގައި އޮތީ އަޝްފާޤު

ބްރެކެޓް ޗެލެންޖް ދިވެހިންގެ ތެރޭގައި އިންތިހާއަށް މަޝްހޫރުވެފައިވާ އިރު އަޝްފާގު ފައިނަލަށް ގެންދިއުމުގައި ދިވެހި ސަޕޯޓަރުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ޗެލެންޖްގެ ކުއާޓާ އަދި ސެމީގައި ވެސް އަޝްފާޤަށް ދިވެހި ގިނަ ސަޕޯޓަރުން ވޯޓު ދިން އިރު ވޯޓުލީ ބައެއް މީހުން ބުނީ އޭއެފްސީ ބްރެކެޓް ޗެލެންޖަކީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށާ ވޯޓުލީ ހަމަ އަޝްފާޤު ވީމައި ކަމަށެވެ.