ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަކީ މުހިންމު ކަމެއް ކަމަށާ، ވައިރަހުން ދިފާއުވުމަށް ވެކްސިންތައް ތައާރަފު ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ވައިރަހަށް ޓެސްޓު ކުރުމުގެ މުހިންމު ކަމަށް ބަދަލެއް ނާންނާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވަނީ، ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާ ގައުމުތަކުން، ޓެސްޓު ކުރުމަށް ދީފައިވާ ހާއްސަ އަހައްމިއްޔަތުކަން ފާހަގަ ކުރައްވާފައެވެ.

ވިލާތުގައި ކޮވިޑް-19 އަށް ޓެސްޓު ކުރާ މަރުކަޒެއްގައި ސިއްހީ ހިދުމަތްތެރިއަކު ހަރަކާތްތެރި ވަނީ / ފޮޓޯ: އޭއެފްޕީ

ސުވިޓްޒަލަންޑްގެ ޖެނީވާގައި ހުންނަވާ، ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ވެކްސިންތައް ތައާރަފުކޮށް، ސިއްހީ ހިދުމަތްތެރިންނާއި، ދޮށީ އުމުރުގެ މީހުންނާއި، ހައި-ރިސްކު ގުރޫޕުގައި ހިމެނޭ މީހުންނަށް ހާއްސަ އިސްކަމެއް ދީގެން ވެކްސިން ފޯރުކޮށްދޭން ފެށި ކަމުގައި ވީ ނަމަވެސް، ވައިރަހަށް ދަތުރު ކުރެވޭނެ ބައިވަރު މަންޒިލްތައް ހުންނާނެ ކަމަށާ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ މުހިންމު އާލާތެއްގެ ގޮތުގައި، ވައިރަހަށް ޓެސްޓު ކުރުން ދެމި އޮންނާނެ ކަމަށެވެ.

ޓެސްޓު ކުރުމުގެ މުހިންމުކަން ކިތަންމެ ބޮޑު ނަމަވެސް، އެއީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައެއް ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ. ޓެސްޓު ކުރުމުގެ ސަބަބުން އެނގެނީ ވައިރަސް އޮތް ތަނެއް ކަމަށާ، ޓެސްޓު ކުރުމަށް އިންވެސްޓް ކުރާ ވަރަށް، އައިސޮލޭޝަން ފެސިލިޓީތަކާއި، ކުލިނިކުތަކުގައިވެސް އިންވެސްޓް ކުރަން ޖެހޭ ކަމަށާ، ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ކޮންޓެކްޓް ޓްރޭސް ކުރުމާއި، ކްލަސްޓާތަކާ ގުޅުންހުރި ތަހުގީގުތައް ހިންގުމުގެ އިތުރުން ކަރަންޓީން ސަޕޯޓްގެ ދާއިރާގައިވެސް އިންވެސްޓް ކުރަންޖެހޭ ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަން ބޭނުން ކުރާ ސްވަބްއެއް/ފޮޓޯ: ގެޓީއިމޭޖަޒް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް ކުރި ފަހުން އަދާ ހިސާބަށް އާދެވުނު އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 62 މިލިއަނަށްވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ. އަދި މި ބަލީގައި، 1.44 މިލިއަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.