ފްލޫ ކްލިނިކް ތަކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވް ކޭސް ފެންނަ އަދަދު އިތުރުވަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިސަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

މިރޭ އެޗްއޯއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަ ހަތަރު ހަފްތާގެ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވް ވި ނިސްބަތަށް ބަލާއިރު ކޮވިޑަށް މީހުން ޕޮޒިޓިވް ވާ ނިސްބަތް އިތުރުވެގެން ދާތަން ފެންނަ ކަމަށެވެ.

ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ ނިސްބަތް:

  • 14 އޮކްޓޯބަރު - 20 އޮކްޓޯބަރު: 4 ޕަސެންޓް
  • 21 އޮކްޓޯބަރު - 27 އޮކްޓޯބަރު: 4 ޕަސެންޓް
  • 28 އޮކްޓޯބަރު - 3 ނޮވެމްބަރު: 6 ޕަސެންޓް
  • 4 ނޮވެމްބަރު - 10 ނޮވެމްބަރު: 7 ޕަސެންޓް
  • 11 ނޮވެމްބަރު - 17 ނޮވެމްބަރު: 9 ޕަސެންޓް
  • 18 ނޮވެމްބަރު - 24 ނޮވެމްބަރު: 11 ޕަސެންޓް

ނަޒްލާ ވިދާޅުވީ، މިވަގުތު އެހެން އަދަދުތައް މައްޗަށް ނޭރި ކަމުގައި ވިޔަސް ފާހަގަ ވަނީ ހުމުގެ އަލާމަތްތައް ހުންނަ މީހުން ޓެސްޓު ހެދުމުން ޕޮޒިޓިވް ވާ ނިސްބަތް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމަށް ވާނަމަ ކޮވިޑް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެއާއެކު ފްލޫ ކްލިނިކްތަކަށް މީހުން ނުދާ ކަމަށް ވާނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެގެން ހިނގައިދާނެ ކަމަށް ނަޒްލާ ވިދާލުވިއެވެ. އެހެންކަމުން ރޯގާގެ އަލާމަތް ހުންނަ ނަމަ އަވަހަށް ފްލޫ ކްލިނިކަށް ދިއުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"ރާއްޖޭގެ ކޭސްތައް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު. އެއްވެސް ކަހަލަ އަލާމާތެއް ހުރެއްޖެ ބޭފުޅެއް ނަމަ ވީހާ ވެސް އަވަހަކަށް ސާމްޕަލް ނެގުން ވަރަށް މުހިއްމު. ކޮންމެވެސް ވަރަކަށް ހޮސްޕިޓަލައިޒޭޝަން ވެސް އެބަ އިތުރުވޭ. ކޮވިޑް އައުޓްބްރޭކެއް އައިސްފިއްޔާ ނޮން ކޮވިޑް ހިދުމަތްތަކަށް ވެސް އަސަރު ކުރާނެ"
ނަޒްލާ މުސްތަފާ

ރޯގާގެ އަލާމަތްތައް ހުރެ އޮފީސްތަކަށް މީހުން މަސައްކަތަށް ނުކުންނަކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ މަސައްކަތުގެ މާހައުލުންވެސް އައުޓް ބްރޭކް ފެންނަ ކަމަށެވެ. އެހެންކަމުން އެއްވެސް ވަރަކަށް ރޯގާ، ހުން އައުން، ގައިގަ ރިއްސުން، ކަރުގަ ރިއްސުން ފަދަ އަލާމަތްތައް ހުންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ކުރިއަށް އޮތް ދުވަސްތަކަކީ ދިވެހިން އަދި ފަތުރުވެރިންވެސް ދަތުރު ފަތުރު ކުރާނެ ދުވަސްވަރެއް ކަމަށާއި އިތުރަށް ވިސްނާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނަޒްލާ ވިދާޅުވިއެވެ. މިހާރު ހޮސްޕިޓަލުގައިވެސް އެޑްމިޓް ކުރާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ ނަޒްލާ ވިދާޅު ކޮވިޑް އައުޓް ބްރޭކަކަށް ގޮސްފިއްޔާ ކޮވިޑް ނޫން ބަލިތަކަށް ފަރުވާ ދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.