މިއަދު ރާއްޖޭގައި 35 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ މިއަދު 36 މީހުން ބަލިން ރަނގަޅުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 35 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހަކެވެ. އެގޮތުން މިއަދު ސިނާއީ މަސައްކަތް ކުރަމުންދާ ރަށްރަށާއި ހަދަމުންދާ ރިސޯޓްތަކުން ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،889 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 36 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،717 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1119 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 95 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ. އެއީ 39 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން ނިޔާވި 46 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.