ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމްކުރުމާ ބެހޭ ގޮތުން މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރައްވާ، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާ، ހާރިޖީ ވަޒީރު ޝާހިދު މިއަދު ބައްދަލު ކުރައްވާފައި ވަނީ، މާދަމާ ފަށަން ހަމަޖެހިފައިވާ އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިޖާއަށް ކުރައްވަމުން ގެންދަވާ ދަތުރުމަތީގައެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމްކުރުމާއި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޝާހިދު ވަނީ، އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ ގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް، ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި މުސްލިމް ވޯލްޑް ލީގާ ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި، މާލޭ ސިޓީގައި ކުރިއަށްދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާއި ހިއްސާކުރެއްވި ކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

ދެ ޙަރަމްގެ ޚާދިމް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން، އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށާއި، އެމިސްކިތް ވެގެންދާނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށްވެސް ދިވެހި ހާރިޖީ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި، ދިވެހިރާއްޖެއިން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު ބައިވެރިވެވަޑައިގަތެވެ.