ބ. ތުޅާދޫ، މަންޒިލް، އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅަކީ ސަރުކާރަށް ހިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، އިބްރާހީމް ހުސައިންފުޅު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އިބްރާހީމް ހުސައިންފުޅުގެ އަނބިކަނބަލުން ހަދީޖާ އިބްރާހީމަށް ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައެވެ.

އިބްރާހީމް ހުސައިންފުޅު އަވަހާރަވުމަކީ ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. މި ހިތާމައިގައި ބައިވެރިވެވަޑައިގެން ހަދީޖާ އިބްރާހީމަށާއި، އިބްރާހީމް ހުސައިންފުޅުގެ ބޭފުޅުންނަށާއި، އާއިލާގެ މެންބަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅަކީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހާއްސަކޮށް ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި އިބްރާހީމް ހުސައިންފުޅަކީ، ތުޅާދޫގެ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންގެ ލޮބުވެތި އުސްތާޒަކަށް ވުމާއެކު ކުޑަކުދިންނަށް ގުރްއާން ކިޔަވައި ދެއްވުމުގައި އާއި، ގުރްއާން ހިތުދަސް ކޮށްދެއްވުމަށް ދެއްވި އަހަންމިއްޔަތާއި އެ ރޮނގުން ކޮށްދެއްވި މަސައްކަތްތައް ހާއްސަގޮތެއްގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.