ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު މުނައްވަރު، ނ. އަތޮޅު ކުދެރިވަރު ރިސޯޓްގެ ހިއްސާތައް ނުގަވައިދުން ވިއްކާލި ކަމަށް ތުހުމަތު ކުރާ މައްސަލަތައް ބަލަން ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުން ބުނީ އެ މުއާމަލާތަކީ ބާތިލް މުއާމަލާތެއް ކަމަށް ކަނޑައަލައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭ ކަމަށާއި އެ މުއާމަލާތާ މެދު ޝަރިއަތުން ގޮތެއް ކަނަޑައެޅޭނީ އެ މައްސަލަ މައުޟޫއީ ގޮތުން ބަލައިގެން ކަމަށެވެ.
އެގޮތުން ދައުވާ ލިބޭ ފަރާތުން ނަގާފައިވާ އިޖުރާއީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ މައުޟޫއީ ގޮތުން ބަލައި އެ މުއާމަލާތާމެދު ޝަރިއަތުން ގޮތެއް ކަނޑައެޅުމަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް ނޫން ކަމަށް އެ ކޯޓުން ބުނެއެވެ. އަދި އެ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށް ހުރަހެއް ނެތް ކަމަށް ކަނޑައަޅައިފިން ކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ.
ކުދެރިވަރު ރިސޯޓަކީ ސަރުކާރުގެ 10 ޕަސެންޓް ހިއްސާއަކާއި ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ 90 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އެކުލަވާފައިވާ އެއްބަސްވުމެއްގެ ދަށުން ރިޒްވުޑް ހެޓޮލް އިނެންޑް ސުއިޓްސް އިން ތަރައްގީ ކުރަމުން ދިޔަ ރިސޯޓެކެވެ.
ނަމަވެސް ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެސް ނޮވެމްބަރު 13، 2016 ގައި ކުންފުނީގެ ހިއްސާ ވަނީ ޕޮލެންޑްގެ ހަތަރު މީހެއް ކަމުގައިވާ އިރެނެއުސް ސަޖަވިކްއާއި ބޮޒޭނާ މިލެންޒުކްއާއި އެލެކްޒެންޑްރާ ޖަމައިކާ މިލެކްޒުކްއާއި ޕަވެލް ޕޮޑޮލްސްކީއަށް 90 ޕަސެންޓް ހިއްސާ ވިއްކާލައިފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީގައި އެ ގޮތަށް ރަޖިސްޓްރީވެސް ވަނީ ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ ފަހަރު ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. ސަރުކާރު ބަދަލުވި އިރު ވެސް އެކަން ހިނގާފައިވާ ގޮތް ހިއްސާދާރުންނަށް ސާފުކޮށްދީފައެއް ނުވެއެވެ. ފަހުން އަލުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައަކީ އަސާސެއް ނެތް މައްސަލައެއް ގޮތުގައި ކަނޑައަޅައި ބޭރުކޮށްލަން އެދި މައްސަލަ ރައްދުވާ ފަރާތުން އެ ކޯޓަށް ހުށަހެޅިއެވެ.