ހަގީގީ ސިފައިންގެ މީހާ ހަތިޔާރު ނަގަނީ އޭނާގެ ކުރިމަތީގައިވާ މީހާއަށް ކުރާ ނަފްރަތެއްގެ ސަބަބުން ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިފައިންގެ މީހެއްގެ ކިބައިގަން ހުންނަން ޖެހޭ ސިފަ ތަކަށް އަލި އަޅުއްވާލައްވަމުންނެވެ. އޭނާ ވިދާޅުވީ، ސިފައިންގެ މީހަކު ފެނުމުން، ކޮންމެ ރައްޔިތަކަށް ވެސް މިނިވަން ދިވެހި ދިދައާއި އެދިދައިން ލިބޭ ފިނި ހިޔަލުގެ ފޮނިކަން އިހްސާސް ކުރެވެންވާނެ ކަމަށެވެ.
މިނިސްޓަރު މާރިއާ ވިދާޅުވީ ހަގީގީ ސިފައިންގެ މީހާ ހަތިޔާރު ނަގަނީ އޭނާގެ ކުރިމަތީގައިވާ މީހާއަށް ކުރާ ނަފްރަތެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި އޭނާ ހަތިޔާރު ނަގަނީ އޭނާ އެ ބިމަކަށް އަލަތު ނޭވާލި އުފަން ފަސްގަނޑާއި، އެފަސްގަނޑުގައި ދިރިއުޅޭ އޭނާގެ ލޮބުވެތި މައިންބަފައިންނާއި އާއިލާއާއި ރަޙްމަތްތެރިންނާއި އަވަށްޓެރިންނާއި ދިވެހި ލޭ ހިނގާ މުސްލިމް އަހުންނާއި އުހުތުންގެ ހައްގުގައި ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިއާ ވިދާޅުވީ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވައި ވިދާޅުވި ފަދައިން މިދިޔަ 2 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް މި ގައުމުގައި ގާއިމު ކޮށްދެވުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ސިފައިން މަސައްކަތް ކުރަމުންދާނީ، މި ސުލްހަވެރި، އަމާން މާހައުލު، ދަމަހައްޓައި ނަގަހައްޓައި ދިނުމަށް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ސިޔާސީ ނުފޫޒުން ދިފާއީ މުއައްސަސާ އެއްކިބާ ވުން ކަމަށް މިނިސްޓަރު މާރިއާ ވިދާޅުވިއެވެ. އަދި ސިފައިންގެ ކަންކަމުގައި ސިފައިންގެ ހިޔާލާއި މަޝްވަރާއަށް ފުރުސަތު ހުޅުވާލައި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މާހައުލަކަށް ޖާގަދީ، ސިފައިންގެ ތެރޭގައި އަދުލު އިންސާފު ގާއިމް ކުރުން ކަމަށެވެ.