ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަސްލަހްތު އެއްފަރާތްކޮށް، މުޅި އަސްކަރިއްޔާގެ މަސްލަހަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ސިފައިންގެ އާއިލާއާ ގުޅުމަށް، އެ ދަރިވަރުން ނިންމި ނިންމުމަކީ، އެމީހުންގެ މުޅި ހަޔާތުގައި ވެސް ނިންމި، އެންމެ ފުރިހަމަ އަދި އެންމެ ފަހުރުވެރި ނިންމުން ކަމަށެވެ.

އަދި އެ ސިފައިން މިއަދު ކުރި ހުވަޔާއެކު، ހަގީގަތުގައި އިޖާބަ ދެވުނީ، ގައުމު އެދިގެން ގޮވައިލި ކޮންމެ ކަމެއްގައި، ފަސްޖެހުމެއް ނެތި އާއެނކޭ ބުނުމަށް ކަމަށެވެ. އަދި މއިަދު ހަވާލުވީ، މި ލޮބުވެތި ވަތަން ދިފާއު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާއި ދިވެހި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ގައުމީ ވާޖިބާ ކަމަށެވެ. އަދި ހަމައެފަދައިން، މިރާއްޖޭގެ ސުލްހައާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ ކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެކަމަށްޓަކައި، މުޅި އަސްކަރިއްޔާ މަސައްކަތް ކުރަންޖެހޭނީ އެއް އަޒުމެއްގައި އެއް އަމާޒަކަށް ކަމަށެވެ.

ތިޔަ ސިފައިން ދެންމެ ކުރި ހުވަޔަކީ، ތިޔަ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ. އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް.
ރައީސް ސޯލިހް

ރައީސް ސޯލިހް ވިދާޅުވީ ވޭތުވެދިޔަ ތިން މަސްދުވަހު ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިން ފުރިހަމަ ކުރި ތަމްރީނުތަކަކީ، ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ރާއްޖެ ދިފާއު ކުރުމަށް ބޭނުންވާ، ޖިސްމާނީ އަދި ނަފްސާނީ ގާބިލްކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ހާސިލްކުރުމުގެ ތަމްރީންތައް ކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސިފައިން ދެންމެ ކުރި ހުވަޔާ އެއްގޮތަށް ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގެ ރޫހު އުފެދޭނީ މި ދެ ސިފަ ހުރެގެން ކަމަށެވެ. އަދި އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ހަށިގަނޑާއި، ފުރާނައިން ގުރުބާންވާން ޖެހިއްޖެ ހާލަތެއްގައި، އެކަންކުރެވޭނީ ވެސް މި ދެ ސިފަ ހުރެގެން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަހްލާގީ އަދި ގައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދު ވެސް ހަރުލާފައި ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ އަގީދާގައި، އަމަލާއި ބަހުން ސާބިތުވެ ހުރުން ކަމަށާއި ދެވަނަ ކަމަކީ، ކޮންމެ ހާލަތެއްގައި ވެސް، ގައުމީ ހިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ގައުމު އިސްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތިންވަނަ ސިފައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ، އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން ކަމަށެވެ.