އަސްކަރިއްޔާއެއް އޮތުމުގެ ހަގީގީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭ އޮހޮރުވުންތަކުން ދުރުވެ، ސުލްހަ ގާއިމްކުރުމާއި އަމާންކަން ދެމެހެއްޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، ސިފައިންގެ ތަމްރީން ތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތް ދަސްކުރި އިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަކުރުމޭ ހިތަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އަސްކަރީ ގާބިލްކަން އިތުރުކުރަން ޖެހެނީ، ސުލްހަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައި ލުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޅ. މާފިލާފުށީގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ އަމަލުތައް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ސުލްހައަށް ވެސް، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ހުވާ ކުރާ ސިފައިން ހާސިލްކުރި އިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ސުލްހަވެރި މުޖްތަމައެއް ބިނާކުރުމަށް މަގުފަހިކުރާނެ އިލްމާއި ތަމްރީންތަކެއް ކަން ގަބޫލު ކުރައްވާ ކަމަށެވެ.

ސިފައިންގެ މީހެއްގެ ގޮތުގައި ގައުމަށް ކޮށްދޭ ތެދުވެރި ހިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން.
ރައީސް ސޯލިހް

ސިފައިންގެ މީހެއްގެ ގޮތުގައި ގައުމަށް ކޮށްދޭ ހިދުމަތަކީ އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ސިފައިންގެ ހިދުމަތުގައި ދީނާއި ގައުމަށްޓަކައި ގުރުބާން ވެގެންދާ މުޖާހިދުންގެ ހިދުމަތަކީ، މި ދުނިޔެ މަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ހިދުމަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެފަދަ ބަތަލުންގެ ހަނދާންތައް، އެ ގައުމެއްގައި އަބަދުވެސް އާކުރެވޭނެ ކަމަށާއި ހުރިހާ ޖީލުތަކެއްގައި ވެސް އެމީހުންނަށް ހެޔޮ ދުއާ ކުރެވޭނެ ކަމަށެވެ.

އެގޮތުން ޝަހީދު އަލީ ރަސްގެފާނު، އުތީމު ބޮޑު ތަކުރުފާނު، އަދި ހުރާ ދޮން ބަންޑާރައިންނާއި، ޝަހީދު ހުސައިން އާދަމް ފަދަ ބަތަލުންގެ ނަންފުޅުތައް، ގައުމީ މުނާސަބާތަކުގައި އަބަދުމެ ގުގުމަމުން ދަނީ އެ ސަބަބަށްޓަކައި ކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނ ވިދާޅުވީ، އެފަދަ ގައުމީ ބަތަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކު ވެސް، ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ، މިރާއްޖޭގެ ދިފާއުގައި، ދިވެހި ދަރިންގެ ހައްގުގައި، ހަށިގަނޑާއި ފުރާނައިން ގުރުބާންވާން ތައްޔާރަށް އޮތް، ގާބިލް އަސްކަރީ ފައުޖެއް، މިއަދުވެސް މި ރާއްޖޭގައި ގާއިމުވެފައި އޮތުމުގެ ހިތްހަމަޖެހުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.