އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ތަކުރާރުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދެއްވައިފިއެވެ.

ޝުޖާއުގެ އިންޒާރުތައް ފަނޑިޔާރު އަލީ ރަޝީދަށް އަމާޒުވެފައި ވަނީ، އަލީ ރަޝީދަކީ މިދިޔަ އަހަރު ނޮވެމްބަރު 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރަށް ވާތީއެވެ.

އަލީ ރަޝީދަށް އިންޒާރު ދެއްވަމުން ޝުޖާއު މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާއަށް މިއަދު ސުޕްރީމް ކޯޓުގައި ހުރެވިދާނެ ކަމަށާޢި، ޕީޕީއެމް ވެރިކަމެއްގައި ހުންނަން ޖެހޭނީ ޖަލުގައި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބުނީ ރައީސް ޔާމީނަށް ހުކުމް އިއްވީތީ އެކަމުގެ ހަދިޔާއެއްގެ ގޮތުގައި ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފަނޑިޔާރުންގެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާން ނެރެފައެވެ. އެ ޖަމްއިއްޔާއިން ނޫސްބަޔާން ނެރުނީ ޝުޖާއުގެ މި ވާހަކަތައް ނޫހަކުން ގެނެސް ދިނުމާ ގުޅިގެންނެވެ. އެ ނޫހުގައި ވަނީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އުުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ޖެހޭނީ ޖަލުގައި ކަމަށް ބުނެ، ފަނޑިޔާރު އަލީ ރަޝީދަަށް ނިސްބަތްކޮށް ޝުޖާއު ވާހަކަ ދައްކާފައިވާ ކަމަށެވެ.

އަދި ޝުޖާއު ދައްކަވާފައި ވާ އެ ވާހަކަތަކަކީ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވަހާކަތަކަށް ވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރާ ހިނދު، އެވާހަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި މިފަދަ ގޮތަކަށް ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކާ މެދު ކަބާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ނަމަވެސް ޝުޖާއު ވަނީ ފަނޑިޔާރުންގެ ޖަމްއިއްޔާގެ ނޫސްބަޔާނަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ފަނޑިޔާރު އަލީ ރަޝީދު، ރައީސް ޔާމީނަށް އިއްވާފައި ވަނީ "ހަރާމް" ހުކުމެއް ކަމަށެވެ. އަދި އޭނާ ގައިން "ހުވަނދު ވަސް" ދުއްވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އޭނާ ގައިން ދުވާނީ "ގުއި ވަސް" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ވަރަށް ގިނަ ވަކީލުންގެ ފަރާތުން އަލީ ރަޝީދުގެ ވާހަކަ އެނގިއްޖެ ކަމަށާއި، ޕީޕީއެމް ވެރިކަމެއްގައި އޭނާގެ މައްސަލަ ބަލާނެ ކަމަށެވެ. އަދި އަލީ ރަޝީދު ޖަލަށް ލައި، ހުރިހާ ފަރާތްތަކަށް އިންސާފު ހޯދައި ދޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.