މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވިސާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ، މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. އަދި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިސާތައް ދޫކުރާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަނެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ. މި ވިސާގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެ ނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރަކަށް ރާއްޖޭގައި ހުރެވޭނެއެވެ.

އަދި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު 5 އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. ހަމައެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ.

މީޓިން ވިސާއަކީ، ކޮންޓްރޯލާ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ. މި ވިސާގެ ދަށުން ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް ނުވަތަ އެ ނޫން ވެސް ފަރާތަކުން އިންތިޒާމް ކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް ވެސް ރާއްޖެ އާދެވޭނެއެވެ.