މުޅި ދުނިޔެ އިނދަޖައްސާލި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ ހަގީގަތް ދެނެގަތުމަށްޓަކައި ވައިރަސް ޓްރޭސް ކުރުމަށް ހިންގާ ތަހުގީގުތަކުގައި ބައިވެރިވުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ދައުވަތު ދިނީ، އެ ގައުމުގެ އަމިއްލަ އިސްނެގުމެއްގެ ދަށުން ކަމަށް ޗައިނާއިން ވަކާލާތު ކޮށްފިއެވެ.
ޑަބްލިއުއެޗްއޯއިން ހޯމަ ދުވަހު ވަނީ، ކޮވިޑް-19ގެ ހަގީގީ ފެށުމަކީ ކޮބައިތޯ ބެލުމަށް އެ އިދާރާގެ ސައެންސްވެރިންގެ ޓީމެއް، އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއްގައި ޗައިނާއަށް ދަތުރު ކުރަން ހަމަޖެހިފައި ވާ ކަން ހާމަ ކޮށްފައެވެ.
ޗައިނާއިން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޝާއޯ ލީކިއާން ވިދާޅުވީ، ވައިރަހުގެ އަސްލު ޓްރޭސް ކުރުމަށް ޗައިނާއިން ޑަބްލިއުއެޗްއޯއަށް އަބަދުވެސް އެއްބާރުލުން ދީ، މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިކަން މި ގޮތަށް ކުރުމުގެ މަގުސަދަކީ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ނުރައްކާތަކުން ސަލާމަތްވެ، ހުރިހާ ގައުމަކަށް ފެތުރިފައިވާ އިންސަނީ އާބާދުގެ ސިއްހަތު ކަށަވަރު ކޮށްދިނުން ކަމަށް ޗައިނާގެ ހާރިޖީ އޮފިޝަލު ވިދާޅުވިއެވެ.
ސާސްކޮވް-2 ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ވަރަކަށް، މި ކަމުގައި އިތުރު ގައުމުތަކަކާ، އިތުރު މަންޒިލްތަކެއްވެސް ޝާމިލު ކުރަން ޖެހިދާނެ ކަމަށް ޝާއޯ ވަނީ އިޝާރާތް ކުރައްވާފައެވެ. މިކަމުގައި ޗައިނާއިން ގެންގުޅޭ ރޫހާ އެއް ގޮތަށް، އެހެން ގައުމުތަކުންވެސް ޑަބްލިއުއެޗްއޯއަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޗައިނާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ކުއްލި ނުރައްކާތަކާ ބެހޭ ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލު ޑރ މައިކް ރާޔަން ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ޓީމު އަމާޒު ހިފާފައި ވަނީ، ކޮވިޑް-19 ޖައްސާ ވައިރަސް، ޖަނަވާރުންގެ ކިބައިން އުފެދިގެން އައި އޮތް ދެނެގަތުމަށް އެކަނި ނޫން ކަމަށާ، އެއް ބާވަތުގެ މަހުލޫގުން އަނެއް ބާވަތެއްގެ މަހުލޫގަށް މި ވައިރަސް ފެތުރިގެން ދާ ގޮތްވެސް ތަހުގީގު ކުރެވިގެންދާނެ ކަމަށެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީއިންނެވެ. ވުހާން ސިޓީއިން މި ކޭސްތައް ފުރަތަމަ ރިޕޯޓް ކުރަން ފެށިއިރު، ކޭސްތައް ގުޅެނީ، ގަވައިދާ ހިލާފަށް ވަލުޖަނަވާރު ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓަކާއެވެ. ޗައިނާއިން ފުރަތަމަ ކޭސްތައް ފެނި، ރިޕޯޓް ކުރި ކަމުގައި ވީ ނަމަވެސް، ވައިރަހުގެ ހަގީގީ ފެށުމަކީ ޗައިނާއަށް ނުވުން އެކަށީގެން ވާ ކަމަށް އެ ގައުމުން ވަކާލާތު ކުރެއެވެ. ކޮވިޑް-19އަށް މަގުފަހި ކުރުވާ ސާސްކޮވް-2ގެ އަސްލަކީ ކޮބައިކަން އަދިވެސް ކަށަވަރު ނުވާއިރު، މިއީ ލެބެއްގައި ފަރުމާ ކުރި ވައިރަހެއް ކަމަށްވެސް ބަހުސް ކުރެވެއެވެ.
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް، ޑަބްލިއުއެޗްއޯގެ އެޑްވާންސް ޓީމެއް، މިއަހަރުގެ ކުރީކޮޅު ވަނީ ޗައިނާއަށް ދަތުރު ކޮށްފައެވެ. އެ ދަތުރުގެ ތަފްސީލެއްތަކެއްވެސް އަދި ސާފެއް ނުވެއެވެ.