ގަތަރުގެ ވެރިރަށް ދޯހާގެ އެއާޕޯޓެއްގެ ޑަސްބިނަކަށް އެއްލާލާފައި އޮއްވާ، މިދިޔަ މަހު ފެނުނު ތުއްތު ކުއްޖާގެ މައިންބަފައިން ހޯދިފައި ވާ ކަމަށް އެ ގައުމުން ހާމަ ކޮށްފިއެވެ.

ގަތަރުގެ ޕްރޮސެކިއުޓަރުން ވިދާޅުވީ، މި ތުއްތު ކުއްޖާ އެއްލާލުމަށް ފަހު ގަތަރުން ފުރައިގެން ގޮސްފައި ވަނީ "އޭޝިއާގެ ގައުމަކަށް ނިސްބަތްވާ" އަންހެނެއް ކަމަށާ، އޭނާ ގަތަރަށް ގެންގޮސްގެން ޝަރީއަތް ހިންގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް ހެދި ޑީއެންއޭ ޓެސްޓުން، ތުއްތު ކުއްޖާގެ ބައްޕައަކީވެސް އޭޝިއާ މީހެއް ކަން އެނގިފައި ވާ ކަމަށް ގަތަރުން ބުނެއެވެ.

ކަން މިހެން އޮތްއިރު، ކުނިވަށިގަނޑުން ތުއްތު ކުއްޖާ ފެނުމާއެކު، ބޯޑު ކުރަން ތައްޔާރު ވެފައިވާ ފްލައިޓްތަކުގައި ތިބި އަންހެން ފަސެންޖަރުންގެ ޒާތީ ތަހުލީލުތަކެއް، ސައްހަ އިޒުނައެއް ނެތި ހިންގި މައްސަލަވެސް ބަލާ، ޒިންމާ އުފުލަން ޖެހޭ އޮފިޝަލުންނާ ދެކޮޅަށް ދައުވާ އުފުލާފައި ވާ ކަމަށްވެސް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.

ސިޑްނީއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓެއްގައި ތިބި، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ނިއުޒީލަންޑަށް ނިސްބަތްވާ އަންހެން ފަސެންޖަރުންތަކެއް ދާދި ފަހުން ވިހާފައި ވޭތޯ ބެލުމަށް، ކުރިމަތިފަރާތުގެ ޒާތީ ތަހުލީލުތަކެއް، ފުރިހަމަ އިޒުނަ ނެތި ހެދި މައްސަލަ ވަނީ ބޮޑުވެފައެވެ.

މައްސަލަ ފެށިގެން އައީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު، ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ލައުންޖުގެ ކުނިވަށިގަނޑަކުން ތުއްތު ކުއްޖާ ފެނުނު ހިސާބުންނެވެ. މިއާއެކު، އެކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފަށާ، އެ ސަރަހައްދުގައި އޮތް 10 ބޯޓެއް ބަލާ ފާސް ކުރަން ފެށި ކަމަށް ގަތަރުގެ ސަރުކާރުން މައުލޫމާތު ދެއެވެ. ފްލައިޓްތަކުގައި ތިބި އަންހެން ފަސެންޖަރުން އެ ބޯޓުތަކުން ބަލާ، އެމްބިއުލާންސް ތަކުގައި ވަކި ތަނަކަށް ގެންގޮސް، ޖަންގިއާ ބޭލުމަށް އަންގާ، ތަހުލީލުތައް ހެދިއިރު އިޒުނަ ދިނުމަށްވެސް ފުރުސަތު ނެތް ކަން ފާހަގަކޮށް، އޮސްޓްރޭލިއާއިން ވަނީ ޝަކުވާ އުފުލާފައެވެ.

މިކަމާ ގުޅިގެން ގަތަރުން ވަނީ ފަހުން މައާފަށްވެސް އެދިފައެވެ.

ގަތަރުގެ ޕަބްލިކް ޕްރޮސެކިއުޓަރުން ވިދާޅުވީ، އެއާޕޯޓްގެ ސެކިއުރިޓީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާ ދެކޮޅަށް ދައުވާ އުފުލާފައި ވާ ކަމަށެވެ. މި ކުށް ސާބިތު ވެއްޖެނަމަ 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް، މި މުވައްޒަފުންގެ މައްޗަށް އަންނާނެއެވެ.

ޑަސްބިނަށް އެއްލާލަފައި އޮތް ތުއްތު ކުއްޖާގެ މަންމައާ ދެކޮޅަށް ގަތަރުން ވަނީ ގަސްތުގައި މީހަކު މަރާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ފިލައިގެން އުޅޭ އެ އަންހެން މީހާ ހޯދުމަށް ގަތަރުން މަސައްކަތް ކުރަމުންދަނީ ބައިނަލްއަގުވާމީ ޝަރުއީ ނިޒާމުގެ ތެރެއިންނެވެ. އެ އަންހެން މީހާ ގަތަރަށް ގެނެސް، އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވިއްޖެނަމަ، 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

ގަތަރުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އޭޝިއާގެ ގައުމަކަށް ނިސްބަތްވާ އަންހެން މީހާއާއެކު ގުޅުމެއް ހިންގާފައި ވާކަމަށް، އޭޝިއާ ފިރިހެނަކު އިއުތިރާފް ވެފައި ވާ ކަމަށާ، ތުއްތު ކުއްޖާ ވިހޭ ވަގުތު ނަގާފައިވާ ފޮޓޯއެއްވެސް ކަމާ ބެހޭ ފަރާތްތަކާ އެ ފިރިހެން މީހާ ހިއްސާ ކޮށްފައި ވާ ކަމަށެވެ. ފިރިހެން މީހާ އަދިވެސް ހުރީ ގަތަރުގައެވެ. ނަމަވެސް، އޭނާގެ މައްޗަށް ގަތަރުން އެއްވެސް ދައުވާ އުފުލާފައި ވާކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ކުނިވަށިގަނޑުން ނެގި ތުއްތު ކުއްޖާ މިވަގުތު ބަލަހައްޓަމުން ދަނީ، ގަތަރުގެ ކަމާ ބެހޭ ފަރާތްތަކުންނެވެ.