ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް މ.ބާރަނާގެ، މަރިޔަމް މުނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެޗްއާރުސީއެމަށް މުނާ އައްޔަންކުރުމަށް ފާސްކޮށްފައި ވަނީ 67 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސްކަންދެއްވާ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުއްވާފައެވެ. އެ 3 ބޭފުޅުންނަކީ މުނާގެ އިތުރުން، އއ.ތޮއްޑޫ، ފިނިވާގެ، އަހުމަދު ސަމީނާއި، ޅ.ހިންނަވަރު، ހިޔާވަހި، މަހީރާ މުހައްމަދެވެ. އެ ނަންތައް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރުހުންދޭން ފެންނަކަމަށް ނިންމާފައި ވަނީ މުނާއަށެވެ.

އެޗްއާރުސީއެމްގެ މެންބަރެއްގެ މަގާމެއް ހުސްވެފައި ވަނީ ކުރިން އެކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މަގާމުން ވަކިކުރުމަށް މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިިލީހުން ފާސްކުރުމުންނެވެ.

އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވާސިޓީގެ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ މުނާ އަކީ 2012 އޯގަސްޓް އިން 2014 އޮގަސްޓް 26 އާ ހަމައަށް ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ޑިރެކްޓާ އޮޕަރޭޝަންސްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

އެޗްއާރުސީއެމްގައި ތިއްބަވަނީ 5 މެންބަރުންނެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމުގައި ތިއްބެވީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މ.ޖިއެނާ، މުއުމިނާ ވަހީދާއި މއ.މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲގެ އިތުރުން ނައިވީން އަބްދުﷲއެވެ.