އިލެކްޝަންސް ކޮމިޝަން (އީސީގެ) މެންބަރު ކަމުން އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްވެފައިވާތީ އީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދުން ފެށިގެން އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 30 ވަނަ ދުވަހާއި އަންނަ ޑިސެންބަރު މަހުގެ 1 އަދި 2 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދުގެ ވަގުތު ތަކުގައި ރައީސް އޮފީހުން ކަމަށް އެ އޮފީހުން ބުނެއެވެ.

އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސް އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަކްރަމް އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ އީސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.

އަކްރަމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރު ކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ ކަމަށެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު