ބައެއް ޓެކްސީތަކުގައި ޕާޓިޝަން ނެތި ހިދުމަތް ދެމުން ދާ މައްސަލަ އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ޓެކްސީތަކުގައި ޕާޓިޝަން ހުންނަން ޖެހޭނެ ކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު އެޗްޕީއޭގެ ފަރާތުން ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގެ ތެރެއިން ޓެކްސީތަކުގައި ޕާޓިޝަން ނެތް ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ އިންސްޕެކްޝަންގެ ތެރެއިން މިކަން ފާހަގަ ކުރެވުމުން އެ ފަދަ ޓެކްސީތައް ދުއްވާ ފަރާތްތަކާ ސުވާލު ކުރެވުނު ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެ ޑްރައިވަރުން ބުނާ ގޮތުގައި މިހާރު މާލެ ސަރަހައްދުގައި ކޭސްތައް މަދުވުމުން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ލާޒިމް ނޫން ކަމަށް ބުނާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާލޭ މަގުމަތިން ޓެކްސީއެއް ދުއްވާފައި ދަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އެކަމަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ ޓޭކްސީތަކުގައި ޕާޓިޝަން ޖެހުމަށާއި ދަތުރުވެރިން ފަހަތު ސީޓަށް އެރުވުމަށް އެންގި އެންގުމަކީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިހާރު ކޭސްތައް މަދުވަމުން އައި ނަމަވެސް އަދިވެސް ރައްކާތެރިވުމުގެ ގޮތުން ޓެކްސީތައް ދުއްވުމުގައި އަމަލު ކުރަންޖެހޭ ގޮތަށް އެޗްޕީއޭއިން ބަދަލެއް ގެނެސްފައި ނުވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިހާރު އެޗްޕީއޭގެ ފަރާތުން ކުރިއަށް ގެންދާ އިންސްޕެކްޝަން ތަކުގައި ބަލަމުން ދަނީ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ބަސްތަކާއި ފެރީތަކާއި ޓެކްސީތައް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެއްގަމު އުޅަނދުތަކުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނާގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމާއެކު އާންމު ހާލަތަށް ރުޖޫއަ ވުމަށް އެއްގަމު އުޅަނދުތަކުން ހިދުމަތް ދިނުމުގައި ޓެކްސީތަކުގައި އުޅަނދުގެ ޑްރައިވަރު ސީޓާއި ފަހަތު ސީޓާ ދެމެދު ވަކިކުރަން ހުންނަން ވާނީ މުޅިން ވަކިން ޕާޓިޝަނެއް ޖަހާފައެވެ. ޕާޓިޝަން ޖެހުމަށް ބޭނުންކުރާ މެޓީރިއަލް އަކީ ފެން ނުފާއްދާ، ފަސޭހައިން ސާފުކުރެވޭ އެއްޗަކަށް ވާންވާނެ ކަމަށްވެސް އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނެފައި ވަނީ ބަލިމީހާ ގޮވައިގެން ދަތުރު ކުރާއިރުގައި އުޅަނދުގެ ދޮރުތައް ހުންނަން ވާނީ ހުޅުވާފައި ކަމަށެވެ. އަދި ދަތުރުވެރިން އަރަން ވާނީ ފަހަތު ސީޓަށް ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.