މިއަދު ރާއްޖޭގައި 30 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ މިއަދު 40 މީހުން ބަލިން ރަނގަޅުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 30 މީހުންގެ ތެރޭގައި ހިމެނެނީ، 22 ދިވެހިންނާއި 8 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 27 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،608 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 40 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،599 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 956 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 86 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 344 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.

އަދި މި ބައްޔަށް މާފުށީގައި ހުރި ފަތުރުވެރިއަކު ޕޮޒިޓިވްވުމާއެކު ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށް ކ. މާފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.

މިއަދު މި ބަލީގައި ހުޅުމާލެ މެޑިކަލް ފެސިލިތީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ. އެހެންކަމުން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ. އެއީ 39 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

މީގެ އިތުރުން ނިޔާވި 46 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ،. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.