ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާހެއް ނުވިއެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމަށް ޕީޖީން ފާސް ނުވިއިރު، އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 11 މެންބަރެއްގެ ސޮއާ އެކުއެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ 9 މެންބަރުންގެ އިތުރުން އަމިއްލަ ދެ މެންބަރުންނެވެ.

ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސަށް ދެ ގަޑިއިރު ދިނުމަށް އާންމު ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ބަޖެޓުގެ ބަހުސް ނިމުނުހާ އަވަހަކަށް މި މައްސަލަ އެޖެންޑަ ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ދެއްކި ވާހަކައިގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން މިނިސްޓަރު އިމްރާނަށް ގިނަބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ. އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށެވެ.

އެ ހާދިސާ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކީ އާންމު ތަނެއްގައި ހުރެފަ ވެސް ކޮށްލެވޭވަރު ކަމެއް ކަމަށާއި، އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭ ކަހަލަ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.