ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސް ސޯލިހް އަރިހުގައި ދަންނަވަން އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅީ އެމްޑީޕީގެ 10 މެންބަރުންގެ ސޮއާ އެކު މިދިޔަ ހަފްތާގައެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމް ކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާ ކަމަށެވެ.

އެ ގަރާރަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ އެ ގަރާރުގައި ހިމެނެނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ތަކެއް ކަމަށެވެ. އަދި މީކާއިލް ވަނީ އިތުރު 9 މެންބަރަކު "ގުއި ރޯނުގައި" ޖައްސަވާފައި ކަަމަށާއި، ލަދުން ސަލާމަތް ވުމަށް އަވަހަށް ސޮއި އަނބުރާ ގެންދެވުމަށް މަލީހު ގޮވާލެއްވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން ދާއިރު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވަނީ މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަ ނޭޅޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މަޖިލީސް ފެންނަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު "ބާރުގަދަވެގެން އުޅުނު" ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. މަލީހު ވިދާޅުވާ ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަނީ މި ވާހަކަތައް ދެއްކެވީތީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށެވެ.

މީގެ ކުރިން މިނިސްޓަރު މަލީހު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން އޭނާ ވީޓީވީގެ ޕްރޮގްރާމެއްގައި ކުރެއްވުމުން، އެކަމަށް އަދަބު ދިނުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި ކޮޅުފައިން ޖެހުން ކަމަށާއި، އެއީ ޑިިމޮކްރަސީގެ އަސާސް ފުނޑުފުނޑު ކޮށްލުމަށް ކުރެވޭ ކަމެއް ކަމަށެވެ.

އަދި އެއީ ރައްޔިތުންނަށް ގާނޫނު އަސާސީގެ ފޮނިމީރުކަން ލިބިދިނުމަށް އޮތް މަގު ބަންދު ކުރުމަށް މީކާއިލް ކުރައްވާ ކަމެއް ކަމަށާއި، އެކަމާ ދެކޮޅަށް، އޭނާ ގޮވައިން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ. މަލީހު އެހެން ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާ ގަރާރު، އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މަލީހު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، އެއީ ކަނޑައެޅިގެން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތެއް ނުކޮށްގެން ނޫން ކަމަށެވެ. އެހެން ވިދާޅުވެ މަލީހު ވަނީ ސަރުކާރުގެ ސްޓްރެޖިކް އެކްޝަން ޕްލޭނުގެ ދަށުން ހަވާލު ކޮށްފައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރައްވައިފައި ކަން ފާހަގަ ކުރައްވާފައެވެ.