ޕޮޕް ލަވައިގެ އުދަރަހުގެ އެންމެ އުހުގައި މިއަދު ފިޔަޖަހަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޖަސްޓިން ބީބާ (ޖޭބީ) އާއި ޝޯން މެންޑަސްގެ ވަރުގަދަ ކޮލާބޮރޭޝަން "މޮންސްޓާ" ރިލީޒް ކޮށްފިއެވެ.

ސިންގަލްއެއްގެ ގޮތުގައި ރިލީޒް ކުރި "މޮންސްޓާ"އަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެތައް މިލިއަން ވިއުޒްއެއް ވަނީ ލިބިފައެވެ.

"މޮންސްޓާ" އަކީ ޖޭބީއާއި ޝޯން މެންޑަސްގެ އިތުރުން، ޑެނިއަލް ކޭޒާ، ފްރޭކް ޑިއުކްސް ފަދަ ފަންނުވެރިންގެ ހިއްސާވެސް އޮތް ލަވައެކެވެ.

"މޮންސްޓާ"ގެ ލިރިކްސްއަކީވެސް އާދައިގެ ލިރިކްސްއެއް ނޫން ކަމަށް ބުނެވެއެވެ. މި ލަވައިގެ ލިރިކްސްގައި ގެނެސްދީފައި ވަނީ، މަޝްހޫރުވެ، މަގުބޫލުވުމުން އެކަމުގެ އަދާ ކުރަންޖެހޭ ގޮތުގެ ވާހަކަތަކެވެ. އެގޮތުން، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެންމެ އުހަށް އެރި، ކާމިޔާބީގެ ރަހަ ދެކޭ ވާހަކައާއި، ހަމަ އެއާއެކު އެކަމުގެ އަނދިރިފަރާތް ތަޖުރިބާ ކުރެވޭ ވާހަކަވެސް "މޮންސްޓާ"ގެ ލިރިކްސްގައި ގެނެސްދީފައި ވެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނުވެރިން އެންމެ އުހަށް ގެންދަނީ މުޖުތަމައުން ކަމަށާ، އެ ބާރު މިނުގައި އެ ތަރިން ވެއްޓޭ މަންޒަރު ބަލަންވެސް މުޖުތަމައު އޮންނަ އޮތުމަކީ މުނިފޫހިފިލުވުމުގެ ކަމެއް ކަމަށް ޝޯން މެންޑަސް ވަނީ ސިފަކޮށްފައެވެ.

"މޮންސްޓާ"ގައި ޖަސްޓިން ބީބާވެސް ވަނީ އޭނާގެ ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އަދި އޭނާއަށް ހެދުނު ގޯސްތަކަށް މައާފަށް އެދުނު ކަމުގައި ވީ ނަމަވެސް، ދުނިޔެ އެކަން ހަނދާން ނައްތާނުލާކަމަށް ޖޭބީ ވަނީ ބުނެފައެވެ.

"މޮންސްޓާ"އަކީ ޖޭބީއާއި ޝޯން މެންޑަސް އެކުގައި ސިންގަލްއެއްގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. "މޮންސްޓާ" އަކީ ޝޯން މެންޑެސްގެ އަލްބަލް "ވޮންޑާ"ގެ ހިއްސާއެއް ކަމަށް މައުލޫމާތު ލިބެއެވެ.