ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ހަދިޔާ ކޮށްފިއެވެ.
ދިރާގުން ބުނީ، ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ހަދިޔާ ކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ކުޑަ ކުދިންގެ ހިޔާއަށް ބޭނުންވާ 23 ކޮމްޕިއުޓާ ޑެސްކާއި، 5 ކޮމްޕީއުޓާ ސިސްޓަމާއި ދިރާގު ފައިބާ 100އެމް އިންޓަނެޓް ކަނެކްޝަނާއި ދިރާގު ޓީވީ ކަނެކްޝަން ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން 2 ލެބަށް ބޭނުން ވެފައިވާ ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައި ކަމަށް ދިރަގުން ބުނެއެވެ.
މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވީ، ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާއަށް ވެދެމުންދާ ދީލަތި އެހީތެރިކަން ނުހަނު އިހުލާސްތެރި ކަމާއެކު ފާހަގަކުރާ ކަމަށާއި، އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމަށެވެ. އަދި އެތަނުގައި ތިބި ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދެންނަވާ ކަމަށެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދެއެވެ. ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންގެ ހިޔާއަށް ދިރާގުގެ ފަރާތުން ހަދިޔާތަކެއް ދީފައި ވާއިރު، މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރުއެވެ. ހަމަ އެއަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއުމުކޮށްދީފައިއެވެ. މީގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފައިއެވެ.