އެންމެ ލަސްވެގެން ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑް-19 ވެކްސިނެއް ރާއްޖެއަށް ލިބޭނެކަމުގެ އުއްމީދު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް19 ގެ ވެކްސިނެއް ރާއްޖެއަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވީ މިއަދު ހަވީރު ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކޮވިޑާ އެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން އެންމެ ގިނަ ވެގެން 4 ނޫނީ 5 މަސް ދުވަހުގެ ތެރޭގައި ކޮވިޑް ވެކްސިނެއް ރާއްޖެއަށް ލިބޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ކޮވިޑް ވެކްސިން ގެނެވުމުން އުންމީދު ކުރައްވާ ކަހަލަ ބަދަލެއް އައިސް ރާއްޖޭގެ އިގްތިސޯދުވެސް ކުރިއަރައިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވަނީ ކޮވިޑް ވެކްސިންގެ ކޮން ވެކްސިންއެއް ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.
ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް، ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، އެންމެ ފަހު މަރުހަލާގައި 11 ވެކްސިން ކެންޑިޑޭޓެއް އެބަ އޮތް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ބައެއް ވެކްސިންތަކުގެ ޑޯޒްތައް މިއަހަރުގެ ފަހުކޮޅު އާންމު ކޮށް ދެވެން ފަށާނެ ކަމުގެ ފެހި ސިގުނަލްވެސް މިހާރު ދަނީ ލިބެމުންނެވެ.
އާންމު އުސޫލުން އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ބޭނުން ކުރަން ފެށުމުގެ ކުރިން ފުރިހަމަ ކުރާ އެންމެ ފަހު މަރުހަލާގެ ތަހުލީލުތަކުގެ އިބްތިދާއީ މުރާޖާތަކާ ހަވާލާދީ ދާދި ފަހުން ވަނީ މޮޑާނާގެ ވެކްސިންގެ 94.5 ޕަސެންޓް ކާމިޔާބު ކަމަށް ބުނެފައެވެ. އަދި ބައޮއެންޓެކާއި ފައިޒާގެ ވެކްސިން 95 ޕަސެންޓް ކާމިޔާބު ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.