އައިޖީއެމްއެޗުގެ އީއީޖީ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފިއެވެ.

އައިޖީއެމްއެޗުން ކުރި ޓުވިޓެއްގައި ބުނީ އީއީޖީ ޓެކްނީޝަން ކަރަންޓީނުގައި ހުރުމުގެ ސަބަބުން އީއީޖީ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އާންމުގެ ކިބައިން މައާފަށް އެދޭ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އީއީޖީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިކަން އައިޖީއެމްއެޗުން ހާމަކޮށްފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗުން ދެމުން އައި ބައެއް ހިދުމަތްތަށް ދަށްކޮށްފައި އޮތުމަށް ފަހު އާންމު ހާލަތަކަށް ގެންނަން ނިންމާފައިވާ ކަން އެހޮސްޕިޓަލުން މި މަހުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އައިޖީއެމްޗުން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމުން، އެ ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރޫޓިންކޮށް ދެމުން އައި މެމޮގްރާފް ފަދަ ހިދުމަތްތައް ހިމެނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،384 އަށް އަރާފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން ވަނީ 29 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން 24 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 5 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 11،406 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 72 މީހުންނަށް ދަނީ ކޮވިޑް ބަލީގައި ފަރުވާ ދެމުންދާއިރު މިވަގުތު ކޮވިޑް ބަލި ޖެހިފައި ތިބި އެކްޓިވް ކޭސްގެ ތެރެއިން އައިސޮލޭޝަންގައި ތިބީ 351 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވެފައި ވަނީ 45 މީހުންނެވެ. އެއީ 38 ދިވެހިންނާއި 7 ބިދޭސީންނެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު