އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އަހުމަދު އަކްރަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަކްރަމް މިއަދު މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސީޓިގައި ވަނީ، އޭނާ މިއަދުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އެ މަގާމުން އޭނާ އިސްތިއުފާ ދިނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރު ކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި އެމައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސްކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައި ނުވާކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން."
އަހުމަދު އަކްރަމް

އަކްރަމް ވިދާޅުވީ، އެ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ އިތުރުން އެކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލް މައުލޫމާތު ހެއްކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއާ ހިއްސާކޮށްފައި ވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މި ފުރުސަތުގައި ގައުމަށް ހިދުމަތްކޮށް ދެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު ދައްނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އީސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އިށިގެ މެނބަރު ކަމުން އަކްރަމް ވަކި ކުރުމަށް ފާސްކޮށްފައެވެ. ކޮމިޓީގައި ބޭއްވި މި ބައްދަލުވުމަށް އަކްރަމް އާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން އެ މައްސަލައިގެ ވިކްޓިމް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އީސީގެ މެންބަރު ކަމުގައި އަކްރަމް ހުންނަވާ މީ ދެވަނަ ދައުރެވެ. އެ ގޮތުން އޭނާ ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.