ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. ހޯރަފުށި އެއާޕޯޓު ހުޅުއްވައި ދެއްވައިފިއެވެ.

މިއަދު ހޯރަފުށި އެއާޕޯޓް ރައީސް ސޯލިހް ހުޅުއްވައި ދެއްވީ އެ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ސޯލިހް މި ރަސްމިއްޔާތަށް ހޯރަފުއްޓަށް މިއަދު ވަޑައިގަތީ މެންދުރު 12:54 ގައި މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މިދިޔަ އަހަރު ކުރީކޮޅުއްސުރެ ތަރައްގީ ކުރަމުންދާ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމި ރަސްމީކޮށް މިއަދު ހުޅުވާފައިވާ އިރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހޯރަފުއްޓަށް ވަޑައިގެން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމާއި އެރަށު ކައުންސިލުގެ އިސްފަރާތްތަކުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އިއްޔެ ނޫން އިހަށް ދުވަހު ވަނީ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސާފައެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެއެވެ.

ހޯރަފުށި އެއާޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 198 މިލިއަނަށް އަރާއިރު އެ އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެ އެއާޕޯޓްގެ ސަބަބުން ކައިރީގައި ހުރި ރިސޯޓުތަކަށާއި އެ އަތޮޅުގެ ރަށްރަށުގެ މީހުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ހުރަސްތަކަށް ލުއެއް ލިބިގެން ދާނެއެވެ.