މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރި އިއުލާނެއްގައި ބުނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 5 ވަނަ ދައުރު ހަމަވާތީ، އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމް ހޯމް މިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ރަޖިސްޓްރޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި މިމަހުގެ 19، 22، 23، 24، 25 މި ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 1:30 އަށް ހޯމް މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 28 ކެންޑިޑޭޓަކު ނަން ވަނީ ހުށަހަޅާފައެވެ. އެއީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކާއި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމަށް 14 ފަރާތެކެވެ.