ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ވައިރަހަކީ، ޑައެފްރަމްގެ ތެރެއަށް ވަނުމުގެ ބާރު ލިބިފައިވާ ވައިރަހެއް ކަމަށާ، މި ކަމުގެ ސަބަބުން ނޭވާލާން ދަތި ކުރުވާ ކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.
ކޮވިޑް-19 ޖައްސަނީ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2)ގެ ނަމުން ނަން ދީފައި ވާ ވައިރަހެކެވެ. މި ވައިރަހުގެ އަސްލަކީ ކޮބައި ކަން އަދިވެސް ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެފައެވެ. ޑައެފްރަމްއަކީ، މެއާއި ބަނޑާ ދެމެދުގައިވާ މަސް ފަށަލައެކެވެ. މިއީ ނޭވާ ލުމުގައި މުހިންމު ދައުރެއް އަދާ ކުރާ މަސް ފަށަލައެކެވެ.
ސާސްކޮވް-2 އަކީ ޑައެފްރަމްއަށް ވަނުމުގެ ބާރު ލިބިފައިވާ ވައިރަހެއް ކަމަށް ބުނެފައިވަނީ، އެމްސްޓަޑޭމް ޔުނިވާސިޓީ މެޑިކަލް ސެންޓާޒްގެ ދިރާސާ ޓީމަކުންނެވެ. އެ ޓީމުން މި ދިރާސާ އެކުލަވާލީ، ކޮވިޑް-19 ޖެހިގެން މަރުވި 26 ޕޭޝަންޓަކާ، ކޮވިޑް-19 ނޫން ގޮތް ގޮތުން މަރުވި 8 ޕޭޝަންޓެއްގެ ހަށިގަނޑުގައި އޮޓޮޕްސީ ހެދުމަށް ފަހުގައެވެ. މި މީހުންނަކީ މިއަހަރުގެ އޭޕްރިލް މަހާއި މެއި މަހު، ނެދަލަންޑްސްގައި މަރުވި މީހުންނެވެ.
ޖާމާ އިންޓާނަލް މެޑިސިން ޖާނަލްގައި އާންމު ކޮށްފައި ވާ ދިރާސާ ބުނާ ގޮތުގައި، ކޮވިޑް-19 ޖެހިގެން މަރުވި ޕޭޝަންޓުންގެ ތެރެއިން 4 ޕޭޝަންޓެއްގެ ޑައެފްރަމްއިން ވައިރަހުގެ އަސަރު ވަނީ ފެނިފައެވެ. ވައިރަހުގެ އަސަރު ކުރި ޕޭޝަންޓުންގެ ޑައެފްރަމްއަށް ވައިރަސް ގެއްލުން ދީފައި ވާ ކަމަށާ، ކޮވިޑް-19 މަރުވި ޕޭޝަންޓުންގެ ޑައެފްރަމްއަށް ލިބިފައިވާ ގެއްލުން، އެނޫން ގޮތް ގޮތުން މަރުވި ޕޭޝަންޓުންނާ އަޅާ ބަލާއިރު 2 ގުނަ އިތުރު ކަމަށްވެސް ނެދަލަންޑްސްގެ ދިރާސާ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.
މި ދިރާސާގެ ބޭނުމަށް އޮޓޮޕްސީ ހެދި މީހުންގެ ތެރެއިން 92 ޕޭޝަންޓުންނަކީ ބަލި ހާލުގައި އޮތް އިރު މެކޭނިކަލް ވެންޓިލޭޝަން ބޭނުންވި ޕޭޝަންޓުންނެވެ. މެކޭނިކަލް ވެންޓިލޭޝަންގެ އެހީ ދޭން ޖެހުނު ވަގުތަށް ބަލާއިރުވެސް، ކޮވިޑް-19ގެ ޕޭޝަންޓުންނާއި އެ ނޫން ޕޭޝަންޓުންނާ މެދު ފަރަގުތަކެއް ހުރި ކަމަށް ދިރާސާ ޓީމުން ފާހަގަ ކުރެއެވެ.
ކަން މިހެން އޮތް ނަމަވެސް، ޑައެފްރަމްއަށް ލިބިފައިވާ ގެއްލުންތަކާ، ޑައެފްރަމް ބަލިކަށިވެފައިވާ ވުމަކީ، ސީދާ ސާސްކޮވް-2ގެ އަސަރު ކަން އަދި މުޅިން ސާފު ނުވާ ކަމަށްވެސް ދިރާސާ ޓީމުން ބުނެއެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ، ދިގު މުއްދަތުގެ ތަކުލީފުތަކެއް އުފުލަންޖެހޭ ބައެއްކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ވިދާޅުވެފައެވެ.