އަދިވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލްކޮށް، ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ނުކޮށް، ގައުމުތަކުން "ދޫކޮށްލައިގެން" އޮތުމަކީ، "އަލިފާނާ ކުޅުން ފަދަ" ކަމެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، މި ވައިރަހަކީ ނުރައްކާތެރި ވައިރަހެއް ކަމަށާއި، މި ވައިރަހަކީ، ހަށިގަނޑުގެ ކޮންމެ ނިޒާމަކަށްވެސް ހަމަލާ ދިނުމުގެ ބާރު ލިބިފައި ވާ ވައިރަހެއް ކަމަށެވެ.
މިފަދަ ނުރައްކާތެރި ވައިރަހެއް ފެތުރިގެން ދިއުމަށް ދޫކޮށްލައިގެން ގައުމުތަކުން އޮތުމީ "އަލިފާނާ ކުޅުން ފަދަ" ކަމެއްގެ ގޮތުގައި ޑރ ޓެޑްރޯޒް ސިފަ ކުރެއްވި ނަމަވެސް، އެއީ ކޮންކޮން ގައުމުތަކެއް ކަން އޭނާ ހާމައެއް ނުކުރައްވައެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ، ދިގު މުއްދަތުގެ ތަކުލީފުތަކެއް އުފުލަންޖެހޭ ބައެއް ކަމަށެވެ.
ގިނަ ގައުމުތަކެއްގެ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށް، ނަފްސާނީ ގޮތުންވެސް ޕްރެޝަރު ކުރިމަތިވެފައި ވާ ކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ. ބޭސްފަރުވާގެ ދާއިރާއާ ސިއްހީ ހިދުމަތްތެރިން ގުޅުނީ ފުރާނަތަކެއް ސަލާމަތް ކުރަން އެހީވާން ކަމަށާ، ނަމަވެސް ސިއްހީ ހިދުމަތްތެރިންގެ އެހީ ދޭނީ ކޮން ޕޭޝަންޓަކަށް ތޯ ހިޔާރު ކުރަން ޖެހުމުގެ އުނދަގޫ ތަކުލީފު އެމީހުންނަށް ނުޖެއްސުމަށްވެސް ޑރ ޓެޑްރޯޒް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރުވެ، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވެ، ސިއްހީ ފަރުވާއާއި އަޅާލުން ދޭނެ ޕޭޝަންޓުން ހިޔާރު ކުރަން ޖެހޭ ހިސާބަށް ކަންތައްތައް ދިޔަ މަންޒަރު، ދުނިޔޭގެ އެކި ހިސާބުތަކުން މީގެ ކުރިންވެސް ވަނީ މި ބަލިމަޑުކަމުގެ ތެރޭގައި ފެނިފައެވެ.
ޑރ ޓެޑްރޯޒް ވިދާލުވީ، ކޮވިޑް-19އާ ދެކޮޅަށް ފިޔަވަޅުތަކެއް ނާޅާ ތިބެން ދައްކާނެ އުޒުރެއް ނެތް ކަމަށެވެ. މެސެޖު ސާފު ކަމަށާ، އެ މެސެޖަކީ މިހާރުން މިހާރަށް، ހަލުވިކަމާއެކު ބިނާކުރަނިވި ފިޔަވަޅުތަކެއް އެޅުން ކަމަށްވެސް ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ. އަޅާ ނުލާ ދޫކޮށްލައިގެން އޮތުމުން ފުރާނަތަކެއް ގެއްލި، ދިރިއުޅުމަށް ބުރޫއަރާ، އިގުތިސޯދުތަކަށް ލޮޅުން އަރާނެ ކަން، ޑރ ޓެޑްރޯޒް ވަނީ ހަނދާން ކޮށްދެއްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 55 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި މި ބަލީގައި، މަރުވި މީހުންގެ އަދަދު 1.3 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.