ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އެހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

ރާއްޖޭގެ ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން ފަށާފައި ވަނީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 1421 ވަނަ އަހަރުން ފެށިގެން މި ދުވަސް އަނެއްކާވެސް ދަނީ ފާހަގަކުރަމުންނެވެ.

މިއަދަކީ ރާއްޖެ އިސްލާމްވިތާ 894 އަހަރު ފުރޭ ދުވަހެވެ. ދައުލަތުން ރަސްމީ ގޮތެއްގައި ދިވެހިން އިސްލާމް ދީން ގަބޫލުކުރި ދުވަހެއްގެ ގޮތުގައި ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަތާ މީ 21 ވަނަ އަހަރެވެ.