2021 ވަނަ އަހަރަށް ކަނޑައެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ފައިސާ ހޯދުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށް ލޯނު ނެގުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފާގެ މަތީން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނެންސިންގެ އިންސްޓްރުމެންޓެއް ކަމަށެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި މިއަހަރުގެ ބަޖެޓުގައި އެ ސުކޫކު ހިމެނުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންތައް ސާފުކޮށްދީފައިވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ސުކޫކު ވިއްކުމަށް މަސައްކަތްކުރަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއެކު ކަމަށާއި އޭގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކަކަށް ވުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ ސުކޫކު ވިއްކުމަށްޓަކައި އެސެޓެއްގެ ގޮތުގައި ދަރުމަވަންތައް ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ހޮސްޕިޓަލު އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށާއި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނު ނުކުރާނެ ކަމަށްވެސް ފިނޭންސުން ބުނެއެވެ.

މީގެ އޮތުރުން އެ މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރުގައިވެސް ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން އެފަދަ ސުކޫކު ވިއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށާ، ނަމަވެސް އެއިރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކާ ގުޅިގެން ސުކޫކު އިޝޫކުރެވިފައި ނުވާ ކަމަށެވެ.

އެސެޓް ބޭސްޑް ސުކޫކަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމެވެ. އަދި އެއަށްފަހު ސުކޫކުގެ އިންވެސްޓަރުންގެ ފަަރާތުން އެސްޕީވީގެ ބެނެފިޝަލް އޯނަޝިޕްވާ އެސެޓް، ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސްކުރުމެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށް ލޯނު ނެގުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފައި ވާއިރު، ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ އިއްޔެގެ ތާރީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީއަކާއި ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީއަށް ރަޖިސްޓާ ކޮށްދެއްވުމަށް އެދި މިނިސްޓަރު އަމީރު، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް ވަނީ "ދަ ޕްރެސް" އަށް ލިބިފައެވެ.