އުމުރުން 72 އަހަރުގެ ފިރިހެނަކު ކޮވިޑް ގައި ނިޔާވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދޭ ގޮތުގައި ނިޔާވީ އައިޖީއެމްއެޗް އީއާރަށް ގެންދިޔަ ދިވެހި ފިރިހެނެކެވެ. އެ މީހާ ނިޔާވީ މިއަދު އިރު އޮއްސުނު ފަހުންނެވެ.

މިއީ މި ވޭތުވެ ދިޔަ 2 ހަފްތާއެއް ހާ ދުވަގުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ކޮވިޑުގައި މީހަކު ވަނީ ނިޔާވެފައެވެ. އެ ގޮތުން މިމަހުގެ 6 ވަނަ ދުވަހު 88 އަހަރުގެ މީހަކު ނިޔާވެފައި ވާއިރު، 7 ވަނަ ދުވަހު 43 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ. އަދި 10 ވަނަ ދުވަހު 45 އަހަރުގެ މީހަކާއި 14 ވަނަ ދުވަހު 57 އަހަރުގެ މީހަކާއި 79 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ. މީގެ އިތުރުން އިއްޔެ 52 އަހަރުގެ މީހަކު ނިޔާވި އިރު މިއަދު މި ވަނީ 72 އަހަރުގެ މީހަކު ނިޔާވެފައެވެ.

ކޮވިޑަށް ޕޮޒިޓިވް ގިނަ ބަޔަކު ގާތް ގާތުގައި ނިޔާވަމުން ދާއިރު، ކަމާ ބެހޭ ފަރާތްތަކުން ބަލި މީހުންނާމެދު ފަރުވާ ކުޑަކުރާ ކަމުގެ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން، އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާ ބައެއް ތަންތަނުގައި އެކަށީގެންވާ މިންވަރަށް އޮކްސިޖަން ދެވެން ނެތުމާއި، ހުމަށް ޕެނަޑޯލް ފިޔަވާ އެއްޗެއް ނުދޭ ކަމުގެ ޝަކުވާ ހިމެނެއެވެ. މި ޝަކުވާ ތަކާ ގުޅިގެން އެޗްޕީއޭއާ ސުވާލު ކުރުމުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.

މިއަދު ރާއްޖެއިން ވަނީ 110 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު 2 އަކުރުގެ އަދަދެއްގައި އޮންނަތާ 2 މަސް ފަހުން 3 އަކުރުގެ އަދަދަކަށް ބަދަލުވި ފުރަތަމަ ދުވަހެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ރިސޯޓެއް ހަދަމުން ދާ ރަށްފަޅު ހުރާ ކިޔާ ރަށަކުން ޕޮޒިޓިވް ވި 21 މީހަކާއި، އެއާޕޯޓް ގެ އާ ޓާމިނަލް އާއި ރަންވޭ ބޮޑު ކުރުމުގެ ޕްރޮޖެކްޓްގައި މަސައްކަތް ކުރާ 2 ކުންފުނީގެ ސްޓާފުންގެ ތެރެއިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ އިން 22 މީހަކާއި ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީ އިން 16 މީހެއްގެ އިތުރުން އެމްއޭސީއެލް ކާގޯ ޑިޕާޓްމަންޓް އިން ޕޮޒިޓިވް ވި 10 މީހުން ހިމެނޭ ކަމަށެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 110 މީހުންގެ ތެރޭގައި ހިމެނެނީ، 31 ދިވެހިންނާއި 79 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 86 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 24 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،314 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 27 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،316 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 947 ގައި ހުރި އިރު، އެމީހުންގެ ތެރެއިން 59 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 277 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.