މިއަދު ރާއްޖޭގައި ކޮވިޑް ބައްޔަށް 110 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އައި މިއާއެކު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 27 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 110 މީހުންގެ ތެރޭގައި ހިމެނެނީ، 31 ދިވެހިންނާއި 79 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 86 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 24 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،314 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 27 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،316 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 947 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 59 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 277 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 44 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވާ އިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 10 ރަށެއްގައެވެ. އަދި 26 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 52 ފަތުރުވެރިންނާއި 128 ރިސޯޓް މުވައްޒަފުން އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.