ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ އިތުރު ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

އަންނަ ބުދަ ދުވަހު ބާއްވާ ޝަރީޢަތުގެ އަޑުއެހުމަކީ ކުރީގެ ރައީސްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅުންހުރި ޝަރީއަތެކެވެ. އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ހަމަޖައްސާފައި ވަނީ ބުދަ ދުވަހުގެ މެންދުރުއެވެ. އެ މައްސަލަ މިހާރު އޮތީ ދައުވާ އިއްވުމާއި ޖަވާބު ދާރީވުމުގެ މަރުހަލާގައެވެ.

މި ދެ ދައުވާ ވަނީ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލައި، އަދި އެ މައްސަލަތަކުގެ ޝަރީއަތް ވެސް އޮތީ ކުރިން ފަށާފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ވަނީ ހުށަހަޅާފައެވެ. އިސްތިއުނާފް ޝަރީއަތް މިހާރު ހައި ކޯޓުގައި ދަނީ ކުރިއަށެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

ޔާމީންގެ މައްޗަށް އަލަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.