ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 22 އަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވީ ކަމަށާއި 13 ވަނަ ދުވަހު ހަ މީހަކު ޕޮޒިޓިވް އަދި 14 ވަނަ ދުވަހު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 15 ވަނަ ދުވަހު ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާތަނަށް 22 މީހަކު އެޑިޕާޓްމަންޓުން ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި އެ ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކޮންޓެކްޓުންގެ ގޮތުގަައި 26 މީހަކު ފާހަގަކުރެވި ކަރަންޓީން ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކާގޯ ޑިޕާޓްމަންޓުގެ 136 މުވައްޒަފެއްގެ ސާމްޕަލް އިއްޔެ ނަގާފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑަށް އިއްޔެ ވަނީ 50 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 21 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 29 މީހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12204 އަށް އަރާފައެވެ. އޭގެ ތެރެއިން 11،289 މީހަކު ރަނގަޅުވެފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 865 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 47 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 249 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.