ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 57 އަހަރުގެ މީހަކު މިއަދު ނިޔާވެ ކޮވިޑް ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދު 42 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވި މީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 2:24 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 42 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.‏

މި ބައްޔަށް އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،112 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،244 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 820 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 52 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 243 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 42 އަށް އަރާފައިވާއިރު، އެޗްޕީއޭއިން ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވަނީ ކޮވިޑް މަރަކުން ނޫން ކަމަށް ނިންމާފައެވެ.