އިންޓަނެޓް މެދުވެރިކޮށް ހިންގާ ފުރައްސާރައާއި ހަނގާ ކުރުން (ބުލީ) އާ ދެކޮޅަށް ޅަ ސިކުނޑިތައް އަހުލުވެރި ކުރުވުމަށް ހާއްސަ އެޕްލިކޭޝަނެއް އީޖާދު ކުރި ބަންގްލަދޭޝްގެ ސާދާތު ރަހުމާން، އިންޓަނޭޝަނަލް ޗިލްރަންސް ޕީސް ޕްރައިޒް ކަށަވަރު ކޮށްފިއެވެ.

ބުލީ ކުރުމާ ދެކޮޅަށް، އުމުރުން 17 އަހަރުގެ ސާދާތު، މޯބައިލް އެޕްލިކޭޝަނެއް އީޖާދު ކުރީ، ބުލީގެ އަނިޔާއަށް "ކެތް ނުކުރެވިގެން"، އުމުރުން އެންމެ 15 އަހަރުގެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވި ހަބަރު އަޑުއިވުނު ހިސާބުންނެވެ.

ސާދާތު ދިރިއުޅެމުންދާ ސަރަހައްދުގައި، ފުރާވަރު އުމުރަށް އަޅާފައި ވާ 1800 އެއްހާ ކުދިން، މިހާރުވެސް މި އެޕްލިކޭޝަން ބޭނުން ކުރެއެވެ.

ނޮބޭލް ސުލްހައިގެ އިނާމު ހާސިލު ކޮށްފައި ވާ "ބަތޮލާ" މަލާލާ ޔޫސުފްޒާއީވެސް ވަނީ، ސާދާތުގެ މަސައްކަތަކީ ހިތްވަރު ދެނިވި މަސައްކަތެއް ކަން ފާހަގަކޮށްފައެވެ. އިންޓަނޭޝަނަލް ޗިލްރަންސް ޕީސް ޕްރައިޒްއަކީ، ކުޑަކުދިންގެ ހައްގުތައް ޕްރޮމޯޓް ކުރުމަށް، ޅަ އުމުރުގެ މީހުންނާއި ޒުވާނުން ހިންގާ މަޝްރޫއުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މީގެ ކުރިން އެވޯޑް ކަށަވަރު ކުރި ބައެއް ޒުވާނުންނަށް ބަލާއިރު، ސްވީޑަންގެ ކްލައިމެޓް އެކްޓިވިސްޓް، ގްރިއެތާ ޓޫންބެއި ފާހަގަ ކުރެވެއެވެ.

"ސައިބާ ޓީންސް" ގެ ނަމުގައި، ސާދާތު އީޖާދު ކުރި އެޕްލިކޭޝަން ފަރުމާ ކޮށްފައި ވަނީ، އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރާ ފަރާތްތައް، އަނިޔާ ލިބޭ މީހާގެ ވަނަވަރު ހާމަ ނުކޮށް، ރިޕޯޓް ކުރެވޭ ގޮތަށެވެ. ވޮލަންޓިއަރުންގެ ނެޓްވޯކެއް މެދުވެރިކޮށް، އިޖުތިމާއީ ހިދުމަތްތެރިންނަށް ނުވަތަ ފުލުހުންނަށްވެސް މައްސަލަ ހުށަހެޅެއެވެ. ހަމަ މިއާއެކު އޮންލައިން ޕްލެޓްފޯމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ގޮތްތައްވެސްމި އެޕްލިކޭޝަނުން ބުނެދެއެވެ.

ސާދާތުގެ އެޕްލިކޭޝަން ލޯންޗު ކުރި ފަހުން، 300 ކުއްޖަކު ވަނީ މައްސަލަ ހުށަހަޅާފައެވެ. އޮންލައިން ޕްލެޓްފޯމްގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި 8 ފަރާތެއް ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ބޮޑެތި މީހުންވެސް ހިމެނެއެވެ.

ބަންގްލަދޭޝްގެ ސާދާތު ރަހުމާން އެވޯޑް އުފުލާލަނީ

އިނާމާ ހަވާލުވެ، ވާހަކަދައްކަމުން ސާދާތު ބުނީ، ބަންގްލަދޭޝްގައި އިންޓަނެޓް ބޭނުން ކުރާ ކުދިންގެ އާބާދީގެ 2 ބައިކުޅަ އެއްބައި ކުދިންނަކީ، ސައިބާ ބުލީގެ ތަކުލީފުތައް އުފުލާ ކުދިން ކަމަށާ، އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުމާ، ބިރުގަތުމުގެ ސަބަބަބުން، މީގެ ގިނަ ކޭސްތައް ރެކޯޑް ނުކުރެވި ދާ ކަމަށެވެ.

އިންޓަނޭޝަނަލް ޗިލްރަންސް ޕީސް ޕްރައިޒްއާއެކު ސާދާތަށް ލިބުނު 118000 ޑޮލަރު ހަރަދު ކުރުމަށް އޭނާ ވިސްނައިގެން ހުރީ، ބަންގްލަދޭޝްގެ އެކި ހިސާބުތަކަށް އެޕްލިކޭޝަންގެ ހިދުމަތް ފުޅާ ކުރުމަށެވެ.