މުޅި ދުނިޔެ އިނދަޖައްސާލި ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަސަރު ކޮށް އިންތިހާ ތަކުލީފު އުފުލަމުން ދާ ފަގީރު ކަމުތަކުން ދަރާފައި ވާ ދަރަނި ލުއި ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ-20) ގެ އިއްތިހާދުން ފާސްކޮށްފިއެވެ.

ކޮވިޑް-19ގެ އަސަރު ފޯރާފައިވާ ފަގީރު ގައުމުތަކުގެ ދަރަނި ލުއި ކޮށްދިނުމަށް އެހީތެރިކަން ދިނުމަށް ޖީ-20ގެ މެމްބަރު ގައުމުތަކުގެ މާލީ ވަޒީރުން އެއްބަސްވެވަޑައިގަތީ، ސައުދީގެ ރިޔާސަތުގެ ދަށުން، ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ ބައްދަލުވުމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޖީ-20ގެ މާލީ ވަޒީރުން ހުކުރު ދުވަހު އެއްބަސްވެވަޑައިގެންނެވި ފްރޭމްވޯކްގައި ވާ ގޮތުން، ދަރަނި ދޫކުރި ގައުމާއި، ދަރަނިވެރި ވެފައި ވާ ގައުމުތަކާ ދެމެދު މަޝްވަރާތަކެއް ކުރަންޖެހެއެވެ. ޕްރައިވެޓް ކްރެޑިޓަރުންގެ ހާލަތުގައިވެސް މިކަން އޮތީ މިހެން ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، ޖީ-20ގެ ގައުމުތަކުން ވަނީ، ކޮވިޑް-19 އާ ގުޅިގެން ތަންފީޒު ކުރަން ފެށި، ދަރަނި ހަލާސް ކުރުން މަޑުޖައްސާލާފައި އޮތް އޮތުމުގެ މަރުހަލާ ނުވަތަ ޑެޓް ސާވިސް ސާސްޕެންޝަން އިނިޝިއޭޓިވް (ޑީއެސްއެސްއައި)، ކުރިއަށް އޮތް 2021 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދަންމާލާފައެވެ.

ދިވެހި ރާއްޖެއަކީ، މި މުހުލަތު ދަންމާލުމަށް ގޮވާލާ، އެންމެ ފާޅުގައި ވަކާލާތު ކުރަމުން ދިޔަ އެއް ގައުމެވެ. ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށް، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އދގެ 75 ވަނަ އާންމު މަޖިލީހަށް ދެއްވި ތަގުރީރެއްގައިވެސް ވަނީ ފާހަގަ ކުރައްވާފައެވެ.