މިއަދު ރާއްޖޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވް ވީ 27 މީހުން ކަމަށާއި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 19 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 27 މީހުންގެ ތެރޭގައި ހިމެނެނީ، 17 ދިވެހިންނާއި 10 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،112 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 19 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،244 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 820 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 52 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 243 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 41 އަށް އަރާފައެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވާ އިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 9 ރަށެއްގައެވެ. އަދި 25 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 55 ފަތުރުވެރިންނާއި 133 ރިސޯޓް މުވައްޒަފުން އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.

ކޮވިޑް ބަލި މަޑުކަމުން އަރައިގަތުމަށް ރާއްޖެއިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަލާއިގެން އެ ފިޔަވަޅުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކުރުވަން ބާރުއަޅައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ހަމައެއާއެކު މި ބައްޔަށް ވެކްސިން ހޯދުމަށް ކޮވިޑްގެ ވެކްސިން ދުނިޔެއަށް ފޯރުކޮށްދޭން ހަރަކާތްތެރިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖޭގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް ވެކްސިން ހިލޭ ދިނުމާ މެދު ސަރުކާރުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.