ގައުމީ ބިން ފޮތިފޮތި ވާ ފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގައުމީ ބިމުގެ ވަހުދަތަކީ ގައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން ގައުމީ ބިން ފޮތި ފޮތި ވާ ފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

މައުމޫނު އެހެން ވިދާޅުވެފައިވަނީ ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް މިމަހު ނުވަ ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެއިސްލާހު ފާސްވެފައިވަނީ 52 މެންބަރުންގެ ވޯޓުންނެވެ. އަދި މި އިސްލާހު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާ އިރު ވަކި ކޮޅަކަށް ވީޓު ނުދެއްވާ ތިން މެންބަރުން ތިއްބެވިއެވެ.

މި އިސްލާހުގައި ބިދޭސީންނަށް ރާއްޖޭގައި ހުރެވޭނެ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނީ މަދުވެގެން 250،000 ރުފިޔާ އިންވެސްޓް ކުރުމާއެކު ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިގެންނެވެ.

އެގޮތުން ބިދޭސީން އިންވެސްޓް ކުރަންވާނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށެވެ. މީގެ އިތުރުން އެފަދަ ބިދޭސީންނަށް ދޫކުރާ ކޯޕަރޭޓް ރެސިޑެންޓް ވިސާ ފުރަތަމަ ހުށަހަލާއިރު ފުރަތަމަ އަހަރަށް ފަހު އާ ކުރަންޖެހއެވެ. އޭގެ ފަހުން ކޮންމެ ފަސް އަހަރަކުން ވިސާ އާ ކުރަން ޖެހެއެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ބިދޭސީންނަށެވެ.