ރައީސް އިބްރާހިމް މުހައްމަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވި 2 އަހަރު ތެރޭގައި ކުރެވުނު އެންމެ މުހިންމު ކަމަކީ މީހުން ބިނާ ކުރުމަށް ކުރި މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީހުން ބިނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުސަތު ހުޅުވާލި ކަމަށާއި، ސްކޮލާޝިޕްތަކާއި، ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ލުއި ލޯނުތައް ދޫކޮށްފައިވާ ކަމަށެވެ.

މިއީ މަސައްކަތަކީ ފާއިތުވި 2 އަހަރު ތެރޭ ކުރެވުނު އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތަރައްގީއާއި ކުރިމަގަށް ވެސް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާ ކުރުން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މިއަދު މިހިސާބަށް އައިރު ރާއްޖޭގައި ހިލޭ ޑިގްރީގައި 8200 ދަރުވަރުން އެބަ ކިޔަވާ ކަމަށެވެ. އަދި ލޯނުގެ އެހީގައި ރާއްޖޭން ބޭރުގައި 1000 އެއްހާ ދަރިވަރުން ކިޔަވަމުންދާއިރު، ސަރުކާރުގެ ސްކޮލާޝިޕްގެ އެހީގައި 250 އެއްހާ ދަރިވަރުން ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ވަޒީފާއަށް މީހުން ތައްޔާރުކުރެވިފަ ނެތުމުގެ ދަތިކަން ވަނީ ދިމާވެފައި ކަމަށެވެ. އެހެންކަމުން މީހުން ބިނާ ކުރުމަށް ފެއްޓެވި މަސައްކަތުގެ ސަބަބުން އިސް މަގާމުތަކަށް ބޭނުންވާ މީހުން ތައްޔާރު ކުރެވިގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ރަނގަޅު ނަތީޖާ ފެނިގެން ދާނީ މީގެ 3،4 އަހަރު ފަހުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރާއްޖެއަށް އަންނަ ބޮޑު ބަދަލަކަށް ވެގެންދާނެ ކަމަށެވެ.

ފާއިތުވި 2 އަހަރު ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމުގެ ގޮތުގައި ރައީސް ސޯލިހް ފާހަގަ ކުރެއްވީ ރާއްޖެ ލާމަރުކަޒު ކުރުމެވެ. ރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތަށް އަލިއާޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ކުރިއަށް ގެންދަނީ ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައގްީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި 5 ހޮސްޕިޓަލަކީ ތަފާތު ދާއިރާތަކަކަށް ހާއްސަ ކުރެވިފައިވާ 5 ހޮސްޕިޓަލަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން މާލެއަސް ކުރާ ބާރު ކުޑަވެގެން ދާނެ ކަމަށެވެ. އަދި ރައްޔިތުންނާ ކައިރިން ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.