ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކް އެޅުމަށް ބޭނުންވާ ސާމާނު އިންޑިއާއިން ފޯރުކޮށްދީފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ސާމާނު ހަވާލު ކޮށްދެއްވާފައި ވަނީ ގަޅޮޅު ބޯޅަދަނޑުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ މަގަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖޭގެ 150 އަށް ވުރެ ގިނަ ރަށްތަކަށް ޒިޔާރަތް ކުރެއްވި ކަމަށާއި ނަމަވެސް މަދު ރަށެއްގައި މެނުވީ ކުޑަކުދިންނަށް ހީ ސަމާސާކޮށް މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ.
އެހެންކަމުން މުޖުތަމައު ބާރުވެރި ކުރުމުގެ ސިޔާސަތުތަކުގެ ދަށުން ރަށްރަށުގައި ޕާކުތައް ގާއިމް ކުރެއްވުމަށް ނިންމައި އެމަސައްކަތް ފެއްޓެވި ކަމަށާއި އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމް ކުރެއްވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ. އެ ތަކެއްޗާ ރާއްޖެއިން ހަވާލުވެވަޑައިގަތީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އިއްޔެގެ އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާއިން ޕާކް އެޅުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައި ވާއިރު، އިންޑިއާގެ ހިލޭ އެހީގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯރް ޖިމް އިންސްޓޯލް ކުރާނެ ސާމާނު ރާއްޖެއަށް ފޯރުކޮށްދީފައެވެ.